އިންސާނެއްގެ އުމުރު މަތިވަމުން ދާ ވަރަކަށް އޭނާގެ އަޑަށް ވެސް ބަދަލުތަކެއް އާދެ އެެވެ. އަހަރުމެންގެ އެއްވެސް ބާރަކާނުލާ ހިނގާ ހަށިގަނޑުގެ މި ނިޒާމަކީ ގުދުރަތުގެ އަޖާއިބުތަކުގެ ތެރެއިން އަޖާއިބެކެވެ.

އިންސާނާގެ އަޑު އުފައްދައިދެނީ އޭނާގެ "ވޯކަލް ކޯޑްސް" އިންނެވެ. ނޭވާލާ ނިޒާމުގެ ތެރެއިން ޕުއްޕާމެއިން އުފެދޭ ވައި އަރުތެރޭގައިވާ "ލަރްނިކްސް" ކިޔާ ބައަކުން ނުކުންނަ ހިނދު ވޯކަލް ކޯޑުތަކަށް އޭގެ އަސަރުކޮށް އަޑު އުފައްދައިދެ އެވެ. ވޯކަލް ކޯޑްސްއަކީ މި ލަރްނިކްސްގެ ބައެކެވެ.

އުމުރުން ޅަ ދުވަސްވަރު އަންހެނުންނާއި ފިރިހެނުންގެ ވެސް އަޑު ދާދި އެއްގޮތަކަށް ހުންނަނީ އުފެދުމުގައި އެންމެންގެ ވެސް ލަރްނިކްސް އެއްގޮތަކަށް ހުންނާތީ އެވެ. މި ބައިގެ ބައްޓަމާއި "ސްޓްރަކްޗާ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ތަފާތު އަޑު ލިއްބައިދޭ ކަމެވެ.

އެހެން ނަމަވެސް ހެދިބޮޑުވަމުން އަންނަ ވަރަކަށް ހޯމޯންތަކުގެ ސަބަބުން މި ބައިގެ ސްޓްރަކްޗާ މުޅިން ބަދަލުވެ އަޑަށް އަންނަ ބަދަލު ފާހަގަ ކުރެވެ އެވެ.

އުމުރުގެ އިތުރުން ވެސް އިންސާނާ އިހުސާސްކުރާ ޖަޒުބާތުތަކުގެ ސަބަބުން ވެސް ލަރްނިކްސްއަށް ބަދަލު އާދެ އެވެ. ހާސްވުމުން ނުވަތަ ބިރު ގަތުމުން އަހަރުމެންގެ އަޑަށް ބަދަލު އަންނަނީ އެހެންވެ އެވެ.

ލަރްނިކްސްގެ ވަށައިގެންވާ ލޮނދީގެ ފަށަލައަކުން ވޯކަލް ކޯޑުތައް ރައްކާތެރި ކުރެވޭއިރު މި ލޮނދި ފަށަލަ ހުސްވެ ލަރްނިކްސްއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ވަގުތީ ގޮތުން ވެސް އަޑަށް ބަދަލު އާދެ އެވެ.

ކޮންމެ އަކަސް އަހަރުމެންގެ ހަށިގަނޑުގައިވާ މި ފުރިހަމަ ނިޒާމަކީ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ހެއްކެއްކަން ޔަގީނެވެ. ވިސްނާ ފިކުރުކުރާ މީހަކަށް ދަރުމަ އެނގޭނެ އެވެ.