ލޭގެ ގްރޫޕަކީ އަހަރުމެންގެ ސިއްހަތުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ބައްޔެއްވެގެން ޑޮކްޓަރަށް ދައްކައިފިނަމަ ލޭގެ ގްރޫޕަކީ ކޮބާތޯ އެއީ އެންމެ ކުރަތަމަ ކުރެވޭ ސުވާލެވެ.

ތަފާތު ގިނަ ލޭގެ ގްރޫޕްތަކެއް ވާއިރު އެ ގްރޫޕްތަކުގައި ވަނީ ކޮން ތަފާތެއްތޯ އެއީ އުފެދޭ ސުވާލެކެވެ. އަދި ވަކި ވައްތަރެއްގެ ލޭ ހުރެގެން ސިއްހަތަށް ތަފާތު ކަމެއް އާދޭތޯ ވެސް އެއީ ކޮށްލުން ރަނގަޅު ސުވާލެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ލޭގެ ގްރޫޕްތަކާއި އެ ގްރޫޕްތަކުން ސިއްހަތަށް ކުރާ އަސަރުތަކަށެވެ.

ހަކުރު ބަލި

އޭ އަދި ބީ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ޓައިޕް 2 ޑައިބެޓީސް ޖެހުން ގިނަކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ސަބަބެއް ހޯދިފައި ނުވާއިރު އިތުރު ދިރާސާތައް ދަނީ ކުރެވެމުންނެވެ.

ސްޓްރޯކް ޖެހުން

އޭބީ ގްރޫޕްގެ ލޭ ހުންނަ މީހުންގެ މެދުގައި ސްޓްރޯކް ޖެހުން ގިނަ ކަމަށް މާހިރުން ބުނެ އެވެ. ސަބަބަކަށް ވަނީ މި ގްރޫޕްގެ ލޭ ގަނޑުވުމުގެ ފުރުސަތު ބޮޑުވުމެވެ.

ހިތުގެ ބަލި

އޯ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް އޮތީ އުފާވެރި ޚަބަރެކެވެ. އެފަދަ މީހުންނަށް ހިތުގެ ބަލިޖެހުން ދުރުކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެން ގްރޫޕްތަކާ އަޅާބަލާއިރު އޯ ގްރޫޕްގައި ކޮލެސްޓްރޯލް ހުންނަ އުފެދޭ މިންވަރު ދަށްވީމަ އެވެ.

ދަރިމައިވުން

ލޭގެ ގްރޫޕްއާއި ދަރިމައިވުމާ ސީދާ ގުޅުމެއް ނެތް ނަމަވެސް އޯ ޓައިޕްގެ ލޭ ހުންނަ އަންހެނުންގެ ދަރިބިހުގެ ސިއްހަތު ދެރަކަމަށް ދިރާސާތަކުން ދައްކަ އެވެ. ދަރިބިހުގެ ސިއްހަތު ދެރަވުމަކީ މާބަނޑުވުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ.