މިސަރުކާރުން، ރާއްޖޭގެ އެއްވެސް ރަށަކަށް ގެނައި ތަރައްގީއެއް ނެތް ކަމަށާއި އަދިވެސް ހިންގަނީ ރައީސް ޔާމީންގެ މަޝްރޫއުތައް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދުވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"ދެވަނަ ދައުރެއް، ދިވެހި ރައްޔިތުން، ރައީސް ސޯލިހަށް ދޭން ނެތީ ސަބަބެއް ނެތިއެއް ނޫން. ވީ ވައުދާއި ދެން ކުރެއްވި ކަންތަކާއި ރައްޔިތުންނަށް ދެން ވެގެންދިޔަ ގޮތްތަކާއި ރައްޔިތުންގެ އުންމީދުތައް މުޅިން ބިލާހަކަށް ވެގެންދިޔައީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުގައި ރައްޔިތުންނަށް ވެގެން ދިޔަ ގޮތްތަކާއި، ރައްޔިތުން އެދުނު ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި ފެނިގެން ދިޔައީ އެހެން މަންޒަރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައްޔިތުން އެދުނު ކަންކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޭނުންވާ ކޮންޓްރެކްޓުތަކަށް ބޭނުންވާ ބޮޑެތި ބޮޑެތި މަޝްރޫއުތައް އަޅުގަނޑުމެން ހިންގަމުން ދިޔައީ. ރާއްޖޭގެ އެއްވެސް ރަށެއް ނެތް ފަސްގަނޑު ނުޖަހާ. އަޅުގަނޑު ކުރީގައި ވެސް ދެންނެވިން، ބޮޑު ސިންގާ ސްކޭލެއްގައި އަކުންބަކުން ކުޅުމެކޭ ރާއްޖޭގެ ރަށްތަކެކޭ އެއްވަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީން ފެއްޓެވި ނަރުދަމާގެ މަސައްކަތްތައް އަދިވެސް އަދިވެސް އެތައް ރަށެއްގައި ތިބީ ކޮއްޓާލަ ކޮއްޓާލާ ކަމަށާއި ނިންމޭ އެއްވެސް މަސައްކަތެއް މިދިޔަ ފަސް އަހަރު ދުވަހު ނުފެނުނު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފަ އެވެ. އަދި ދާދިފަހުން ރައީސް ނަޝީދުވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.