ތަރުކާރީއޭ ބުނެފިނަމަ ގިނަ ދިވެހިންގެ ހޮވުމަކަށް ވާނީ ހަމަގައިމު ވެސް ކެރެޓެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އަނގައަށް މީރުވެފައި އެކި ގޮތްގޮތަށް ބޭނުން ކުރެވުމެވެ. ކެރެޓްގެ ރަހައާ އެއްވަރަށް އެއީ ސިއްހަތަށް ވެސް ފައިދާހުރި ތަރުކާރީއެކެވެ.

ކެރެޓް ކާނަމަ ލޮލުގެ ފެނުން ރަނގަޅުވާ ކަމަށް ޒަމާނުއްސުރެ ބުނެވެ އެވެ. މިކަމަށް ބާރުދޭ ސައިންސްގެ ދިރާސާތައް އާއްމުވެފައިވާއިރު ކެރެޓަކީ "އައި ފްރެންޑްލީ" ކެއުމެއްގެ ގޮތުގައި ބެލެވެ އެވެ.

އެއާއެކު ކެރެޓަކީ ހިތުގެ ބަލިން މީހާ ރައްކާތެރިކޮށްދޭ ތަރުކާރީއެއް ކަމަށް ވެސް. ސައިންސްވެރިން ބުނެ އެވެ. އެގޮތުން ތިން ހަފްތާވަންދެން ކޮންމެ ދުވަހަކު ވެސް އެންމެ ހަތް އައުންސްގެ ކެރެޓް ކާ މީހެއްގެ ކޮލެސްޓްރޯލް ލެވެލް 11 ޕަސެންޓް ދަށްވާ ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.

ކެރެޓްއަކީ ޕޮޓޭސިއަމް އޭގައި ގިނަ އަދަދަކަށް ހިމެނޭ ތަރުކާރީއަކަށްވާއިރު، ކެރެޓްގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުކުރުން ވެސް ރަނގަޅުކޮށްދެ އެވެ.

މީގެ އިތުރުން ވެސް ކެރެޓަކީ އާއްމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ޖެނެޓިކް ބައްޔެއް ކަމަށްވާ މެކިއުލާ ޑީޖެނެރޭޝަން އިން ވެސް ދުރުވުމަށް އެހީވާ ތަރުކާރީއެއް ކަމަށް މާހިރުން ބުނެ އެވެ.

ކެއުމުގައި ކެރެޓް އެކި ގޮތްގޮތަށް ބޭނުން ކުރެވުނު ނަމަވެސް ސިއްހަތަށް އެންމެ ފައިދާހުރި ގޮތަކީ ކެރެޓުް ރޮލަށް ކެއުން ކަމަށް ސައިންސްވެރިން ލަފާދެ އެވެ.