ހަށގަނޑުގައި ހިމަގްލޮބިންގެ މިންވަރު ދަށްވުމަކީ ސިއްހީ ގޮތުން ގިނަ ގުނަ މައްސަލަތަކާ ކުރިމަތި ކުރުވާނެ ކަމެކެވެ. ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ހިމަގްލޮބިން ދަށްވުމަށް މެދުވެރިވާއިރު އޮތް އުފާވެރި ހަބަރަކީ ކެއިންބުއިމަށް ބަދަލު ގެނެސްގެން މިކަން ރަނގަޅު ކުރެވިދާނެ ކަމެވެ.

ހިމަގްލޮބިންއަކީ ލެއަށް ރަތްކުލަ ގެނެސްދޭ ދަގަނޑުގެ ބައި އެކުލެވޭ ޕްރޮޓީން އެކެވެ. ހިމަގްލޮބިންއަކީ ފުއްޕާމެއިން ހަށިގަނޑުގެ އެކި ގުނަވަންތަކަށް އޮކްސިޖަން ފޮނުވައިދޭ އަދި އެ ގުނަވަންތަކުން ފުއްޕާމެއަށް ކާބަންޑައިއޮކްސައިޑް ފޮނުވައިދޭ ސެލްތަކެވެ.

ސިއްހަތު ރަނގަޅަށް ހުރި އަންހެނެއްގެ ހަށިގަނޑުގައި ކޮންމެ ޑެސިލީޓަރަކަށް 12 އާއި 16 ގްރާމް ހިމަގްލޮބިން ހުންނަން ޖެހޭއިރު ފިރިހެނުނުގެ މެދުގައި މި އަދަދު އުޅެން ޖެހޭނީ 14 އާއި 18 އާ ދެމެދުގަ އެވެ. މިއީ ނަސްލާއި ގައުމުތަކުގައި އެކި ގޮތްގޮތަށް ބެލޭ މިންގަނޑެއް ނަމަވެސް ދެންނެވިފައި އެވަނީ އެވްރެޖް އަދަދު ތަކެކެވެ.

ހިމަގްލޮބިން ދަށްވަނީ ކީއްވެ؟

  • ކެއިންބުއިމުގައި ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބުން
  • އަނިޔާއަކުން ނުވަތަ މައްސަރު ކަންކަމުގައި ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވުން
  • ބޯންމެރޯ މައްސަލަތައް
  • ކިޑްނީ ބަލިތައް
  • އެނީމިއާ

ހިމަގްލޮބިން ދަށްވެއްޖެނަމަ ފެންނާނެ އަލާމާތްތަކަކީ ކޮބާ؟

  • ވަރުބަލިވުން
  • ހޭނެތުން
  • ނޭވާ ކުރުވުން
  • ވިންދު އަވަސްވުން
  • ބޯ އެނބުރުން

ހިމަގްލޮބިން ރަނގަޅު ކުރެވޭނެ ބުއިމެއް!

ބޭނުންވާ ތަކެތި

  • 10 ހިކި މޭބިސްކަދުރު
  • 5 ކަދުރު

ތައްޔާރު ކުރާނެ ގޮތް

އެއްރޭ ވަންދެން މަތީގައިވާ ހުރިހާ އެއްޗެއް ފެނަށް އަޅާފައި ބަހައްޓާށެވެ. އެއަށްފަހު އެތަކެތި ފެލާލުމަށްފަހު ފެންފޮދު ބޯލާށެވެ.