ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު ވ. ފޮއްތެޔޮ ފަޅު ބޭރުގެ ކުންފުންޏަކަށް ސަރުކާރުން ނުއަގުގައި ވިއްކާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި އެފަޅު ވިއްކާލިޔަސް، ޕީޕީއެމްގެ ވެރިކަމެއްގައި އަނބުރާ ސަރުކާރަށް ހޯދާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓް ރައީސް ސޯލިހުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ފަޅުކަމަށްވާ، ވ. ފޮއްތެޔޮ ފަޅު ބޮޑު ޖަރީމާއެއްގެ ތެރެއިން ގާނޫނާއި ހިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރާއްޖޭގެ އަގުހުރި ދިވެހީންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ މިކޯލިޝަންވެސް އަދި ދިވެހި ރައްޔިތުންވެސް އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެ އެވެ.
"ގާނޫނާއި ހިލާފު ކޮރަޕްޝަންގެ ބޮޑު މިއަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ. ހަމައެއާއެކު މިމައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށްވެސް ގޮވާލަމެވެ." ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އިދިކޮޅުން ބުނީ މިފަދަ ކޮރަޕްޝަންގެ ޖަރީމާތަކާއި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހެދޭ އެއްބަސްވުންތައް ބާޠިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ ކަމަށެވެ.
"އެހެންކަމުން ކުންފުނި ތަކުންވެސް ގާނޫނާއި ހިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ޙަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށްވެސް މިކޯލިޝަނުން ގޮވާލަމެވެ. އަދި މިފަދަ މުއާމަލާތްތަކުގައި ބައިވެރިވާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރާނެ ވާހަކަވެސް ދެންނެވީމެވެ." ކޮލިޝަނުން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު ރައީސް ސޯލިހު ވ.އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައި ވ.ކެޔޮދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ މިސަރުކާރުން ވ.އަތޮޅުގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ވ. ފޮއްތެޔޮ ފަޅު ވިއްކާލާ ވާހަކަތަކަށް ރައްދު ދެއްވާ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެފައި ވަނީ އެއްވެސް ތަނެއް ނުއަގުގައި ނުވިއްކާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދީފަ އެވެ. އެހެން ނަމަވެސް އެފަޅު ވިއްކާލި ކަމެއް ނުވަތަ ނުވިއްކާލާ ކަމަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
މިކަމާ ގުޅިގެން ވ. އަތޮޅުގެ ކައުންސިލުންތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއީ ބޮޑު ޒަރީމާއެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.