އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ހިނގާ ކަންތައްތައް ބެލުމަށް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަހުގެ ކަންތައްތައް ބެލުމަށް އޮބްޒާވަރުންނާއި މޮނީޓަރުން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 13 ވާ އާދިއްތަ ދުވަހުގެ 3:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ

އިންތިހާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި އެ ފަރާތަކީ ޖިނާޢީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ވެގެންނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި، އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. ފޯމު އީމެއިލް ކުރާނީ [email protected] އަށެވެ. އީސީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

އިންތިހާބު އޮބްޒާވްކޮށް މޮނިޓާކުރުމަށް އެދޭ މީހުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ، އިގުރާރު ވާންޖެހެ އެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ

ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 282،672 މީހުންނަށް ވަނީ ލިބިފަ އެވެ.