ޖުމްހޫރީ މައިދާނަށް އެއްވި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހައްޔަރު ކުރުން އެކޯލިޝަނުން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންތަކެއް ވަނީ މިއަދު ޖުމްހޫރީ މައިދާނަށް އެއްވެފަ އެވެ. އެއީ
ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ކަމަށްވާ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.
އެބޭފުޅުން ޖުމްހޫރީ މައިދާން މެދުގައި އިށީންގެ ލައިގެން ތިއްބެވީ އެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ކުށެއްނެތި ހައްޔަރުކޮށްފައިވާ ޕީޕީއެމް ކޯލިޝަންގެ ލީޑަރޝިޕް ބޭފުޅުންނާއި ސިޓީ ކައުންސިލް މެންބަރާއި ސްޓިއަރިންގ ކޮމިޓީގެ ރައީސް ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް، ރައީސް ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ހޯދައިދިނުމާއި ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ވަނީ ހައްޔަރުކޮށްފައިކަމަށެވެ.
މި ޕެނަލް ޑިސްކަޝަންއަކީ ބައެއް ޓީވީ ތަކުން ލައިވްކޮށް ގެނެސްދެމުން ގެންދިޔަ ޕްރޮގްރާމެކެވެ.
ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރުން އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާއި މިކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީއެއްގެ ރައީސް ހިމެނިވަޑައިންނަވާ ކަމަށް ޕީޕީއެމް ކޯލިޝަނުން ބުނެ އެވެ. ސަރުކާރުގެ އަނިޔާވެރި މިޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް އެބަޔާނުގައި ވެއެވެ. އަދި ކަނބަލެއްގެ ފަޔަށް ފުލުހެއްގެ އެންކަލުން އަރައި ޒަހަމްވުމާއި ގުޅިގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމާއި، ފުލުހެއްގެ ކިބައިން ދިވެހި ކަނބަލަކަށް މިވަރުގެ އަނިޔާއެއް ލިބުނުއިރު ވެސް ފުލުހުންގެ އެއްވެސް އަޅާލުމެއް ނުލިބުނު ކަމީ ހިތާމަހުރި ކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލުމަށާއި، ދިވެހީންގެ ރިޔާސީ ކެންޑިޑޭޓްގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ އެންމެހާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާ ލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާ ކަމަށާ އަދި އެއްވެސް ކުށެއް ނެތި ހައްޔަރުކޮށްފައިވާ މިކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުންނާއި ސެނެޓަރު އަދި ސްޓިއަރިން ކޮމިޓިގެ ރައީސް ވަގުތުން ދޫކޮށްލުމަށް ވެސް ޕީޕީއެމް އިން ވަނީ ގޮވާ ލާފަ އެވެ.