މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބާބީ ފިލްމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިޔާތޮށި ކުލައަށް އޮތް ޑިމާންޑް އިތުރުވެ އެ ކުލަ ލިބުން ދަތިވެއްޖެ އެވެ.
ބޭރުގެ ހަބަރުތަކުން ބުނާ ގޮތުގައި ފިލްމުގެ އުފެއްދުމާއި ޕްރޮމޯޝަނަށް އެތައް ހާސް ލީޓަރެއްގެ ފިޔާތޮށި ކުލަ ބޭނުން ކޮށްފައިވާއިރު ފިލްމު ސިނަމާތަކުގައި އެޅުވުމަށްފަހު ވެސް އެ ޑިމާންޑް ދިގުލައިގެންދާނެ އެވެ.
ދުނިޔޭގެ ބާޒާރުގައި ފިޔާތޮށި ކުލައިގެ މުދާތައް ވިކުން އިތުރު ވެފައިވާ ކަމަށް ވިޔަފާރިވެރިން ހާމަކުރެ އެވެ. އެގޮތުން ބާބީ ތީމްގެ މާޗަންޑައިޒްތައް މިހާރު ބާރު ސްޕީޑްގައި ވިކެމުން އަންނަ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މީގެ އިތުރުން ގާމެންޓްސް އިންޑަސްޓްރީގައި ފިޔާތޮށި ކުލައިގެ ހެދުންތަކަށް ވެސް ޑިމާންޑް ވަނީ އިތުރުވެފަ އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފިޔާތޮށި ކުލައިގެ ހެދުންތަކުން ފިހާރަތަކުގެ ހަރުތައް މިވަނީ ފުރާލާފަ އެވެ.
ފިޔާތޮށި ކުލައަށް އޮތް ޑިމާންޑް އެނގިގެންދާ އަނެއް ކަމަކީ ބައެއް ބާވަތްތަކުގެ ކާ އެއްޗެހި ވެސް އެ ކުލައިން ތައްޔާރުކޮށް ބާޒާރުގައި ވިއްކަން ހުރުމެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ކެއުމަކީ ބާބީ ތީމްގެ ބާގާ އެކެވެ.
ބާބީގެ އަސަރު މުޅި ދުނިޔޭގައި ފެތުރެމުން އަންނައިރު އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ފިޔާތޮށި ކުލަ ލިބުން ދަތިވެދާނެ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.