ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ކާމިޔާބު ކުރައްވައިފި ނަމަ އެއީ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ދޮގު ހަބަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕްގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވަނީ ހުރިހާ މެމްބަރުންގެ ވެސް އެއްބާރުލުން ދެއްވުމަށާއި ބައިބައިވެއްޖެ ނަމަ ރައީސް ޞޯލިހު ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ރައީސް ޞޯލިހު މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ދުވަސްވެގެންދާނީ އެމަނިކުފަނުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސް ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

އެ ހަބަރުތައް ރައީސް ނަޝީދު މިއަދު ވަނީ ދޮގު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ހަބަރުތަކެއް ކަމަށެވެ. ރައީސް ޞޯލިހުއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އެމަނިކުފަނުގެ ރިޔާސީ ހަޔާތް ބިނާ ކުރައްވަނީ ރައީސް ޞޯލިހުއާ ގުޅިގެން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން ބާއްވަމުން އަންނަ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށާއި ރައީސް ޞޯލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އިންތިހާބު ރައީސް ޞޯލިހުއަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އަބަދުވެސް ވިދާޅުވެ އެވެ.

އަށާރަ އަހަރަށް ފަހު ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާދެއްވީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާ އެކު ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން ގުޅިގެންނެވެ.