ކޮލެސްޓްރޯލް މަތިވުމަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ކަމެކެވެ. ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެނަމަ މިއީ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމެކެވެ. އެހެންކަމުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށްޓަކައި ބަދަލު ކޮށްލެވިދާނެ ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަލާލާނަމެވެ.
މޭވާ ގިނައިން ބޭނުންކުރުން
މޭވާއަކީ ފައިބަރުގެ ބައި ގިނަ އެއްޗެއް ކަމުން ދުވާލުގެ ކެއުމުގައި މޭވާގެ ގިނަ ބާވަތްތައް ހިމެނުން މުހިންމެވެ. މިސާލެއްގެ ގޮތުން ދޮންކެޔޮ، ފަޅޯ، އަނބު، ކަރާ، ފޭރު، ކުންނާރު، ޖަނބުރޯލު، އާފަލު، އޮރެންޖު، ބޮޑުކެކުރި ފަދަ ބާވަތައް ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ހިމެނުން ބުއްދިވެރި އެވެ.
ތަރުކާރީގެ ބާވަތްތައް ގިނަކުރުން
ތަރުކާރީގެ ބާވަތްތަކުން ފަތުގެ ބާވަތްތައް (މިސާލަކަށް ކޮޕީފަތް، ކަންކުން، މުރަނގަފަތް، ބޯވެލިފަތް، މައްސާގުފަތް، ދަނޑިއަލުވިފަތް، ލެޓިއުސް) އަދި ލެންޓިލްސްގެ ބާވަތްތައް (މުގު، ސަނާމުގު، ބީންސް، ކިޑްނީ ބީންސް، ފެހިއޮށް)، އަދި އެހެނިހެން ތަރުކާރީގެ ބާވަތްތައް (މިސާލަކަށް ކެރެޓު، ތޮރާ، ބަށި، ޗިޗަންޑާ، ބަރަބޯ، ބަޓާނާ) ފަދަ ބާވަތައް ގިނަ ކުރުން މުހިންމެވެ.
ތެލުލި ކާނާ މަދުކުރުން
ތެލުލައިގެން ބޭނުން ކުރާ ބާވަތްތައް މަދުކޮށް އޭގެ ބަދަލުގައި ފިހެގެން ނުވަތަ ކައްކައިގެން ބޭނުން ކުރުން މުހިއްމެވެ. މިސާލެއްގެ ގޮތުން ތެލުލި މަހުގެ ބަދަލުގައި ފިހުނު މަސް، ތެލުލި ބަނބުކެޔޮ، އަލަ ފަދަ ތަކެތީގެ ބަދަލުގައި ފެނުކެއްކި ބަނބުކޭލާއި އަލަ ބޭނުންކުރުން. އަދި ޗިލި ފިޝް ފަދަ ތަކެތި ތައްޔާރު ކުރުމުގައި ތެލުލުމުގެ ބަދަލުގައި ފިހެލައިގެން ނުވަތަ އެއާ ފްރައިކޮށްލުން ރަނގަޅު ވާނެ އެވެ.
ހަކުރު މަދުކުރުން
ހަކުރުގެ ބާވަތްތަކުގެ ތެރެއިން ދޯބުރާލި ހަކުރު، ދިޔާ ހަކުރު، ކަރު ހަކުރު، ބްރައުން ހަކުރު، ޖޫސް، ޖޫސް ސިރަޕް، ހިކި ޖޫސް ޕައުޑަރު، ފޮނި ހެދިކާ، ފޮނިކާ ތަކެތި، ތްރީ އިން ވަން ކޮފީ، ޑައިޓް ކޮފީ، ގެރިކިރު، ފިޒީ ޑްރިންކް އަދި އެނަޖީ ޑްރިންކް ފަދަ ތަކެތި ބޭނުންކުރާ މިންވަރު މަދުކުރުން ވަރަށް މުހިންމެވެ.