ސްޓްރޯކްތަކަކީ މިހާރު ރާއްޖޭގައި ވެސް ވަރަށް އާއްމު ވަމުން އަންނަ ކަމެކެވެ. ފުރާނައަށް ނުރައްކާވާ މި ހާލަތަކީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ވެސް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.
ސްޓްރޯކް ޖެހޭ މީހުންގެ މެދުގައި ފާހަގަކޮށްލެވޭ އެންމެ އާއްމު އެއް ކަމަކީ ގިނަ ބަޔަކަށް ސްޓްރޯކް ޖެހެނީ ފާހާނާ ބޭނުންކުރާ ވަގުތުގައި ކަމަށް ވުމެވެ. މިއީ ކިހިނެއް ވާ ކަމެއްތޯ ސުވާލު އުފެދެ އެވެ.
މިކަމާ ގުޅޭގޮތުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މިކަމުގެ ސަބަބަކަށް ވަނީ ފެންވަރާއިރު އިސްތަށިގަނޑާއި ބޯ އެންމެ ފުރަތަމަ ތެންމުމެވެ. މިއީ ގޯސް ގޮތެކެވެ.
މިގޮތަށް ކަންތައް ކުރާނަމަ ހިތުން ސިކުނޑިއަށް ފޯރުވައިދޭ ލޭގެ ޕްރެޝަރު މަތިވެ، ސިކުނޑީގެ ލޭނާރުތައް ބެދެން މެދުވެރިވެ އެވެ. ނަތީޖާއަކަށް ވަނީ ސްޓްރޯކް ޖެހި ހެއަށް ގޮތްވުމެވެ.
ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް އަދި ހިތުގެ ބަލި ހުންނަ މީހުންނަށް މިކަމުގެ ނުރައްކާ ވަކިން ބޮޑު ކަމަށް ވާތީ އެފަދަ މީހުން މިކަމަށް ސަމާލުވުން ވަރަށް މުހިއްމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ފެންވަރަނިކޮށް ސްޓްރޯކް ޖެހުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ. މިކަމުންވެސް ފެންވަރާއިރު ފުރަތަމަ ބޯ ތެންމުމުގެ ނުރައްކާތެރިކަން އެނގިގެންދެ އެވެ.
ޑޮކްޓަރުން ބުނޮ ގޮތުގައި ފެންވެރުމުގައި ވެސް ރަނގަޅު ގޮތް ނުގެންގުޅެވޭ ނަމަ ފުރާނައަށް ނުރައްކާވުން އެކަށީގެންވެ އެވެ. އިންސާނުންގެ ހަށިގަނޑުގައި ދައުރުވާ ލެއަކީ ވަކި ފިނިހޫނު މިނެއްގައި ހުންނަ އެއްޗަކަށްވާއިރު އެއަށް އަންނަ ކުއްލި ބަދަލަކީ ދާއިމަށް ގެއްލުން ލިބިދާނެ ކަމެކެވެ.
އެެހެން ކަމުން ފެންވެރުމުގައި ގެންގުޅުމަށް ޑޮކްޓަރުންނާއި ސައިންސްވެރިން ލަފާ ދެއްވާ އެންމެ ރަނގަޅު ގޮތަކީ އެންމެ ފުރަތަމަ ފައި ތެންމުމެވެ. އަދި އެއަށްފަހު މަޑުމަޑުން ހަށިގަނޑުގެ މަތީ ބައި ތެންމަމުން ގެންދިއުމެވެ.
މި ގޮތަށް އަމަލު ކުރާނަމަ ސިއްހަަތަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވާނެ އެވެ. އެހެން ކަމުން މި މައުލޫމާތު ތިބާގެ އެކުވެރިންނާއި ގާތްތިމާގެ މީހުންނާ ހިއްސާ ކޮށްލާށެވެ.