އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ގިނަވުމުން އިންތިހާބު ކާމިޔާބުކުރަން ފަސޭހަވެއްޖެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަށް ކެންޑިޑޭޓުން ވާދަކުރުމަކީ އިންތިހާބު ކާމިޔާބު ކުރަން ލިބުނު އިތުރު ފަސޭހައެއް ކަމަށެވެ.

"އަށް ކެންޑިޑޭޓުން ކުރިމަތިލީ ފުރަތަމަ ފަހަރު. 2008 ގައި ހަ ކެންޑިޑޭޓުން، އޭގެ ފަހުން މިހާ ގިނަ ކެންޑިޑޭޓުން ކުރިމައްޗެއް ނުލާ، ކުރިއަށް ވުރެ މާ ބޮޑު ތަނުން ފަސޭހަވެއްޖެ، އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުން،" ރައީސް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން ރައްޔިތުން ކޮށްދޭން އެދުނު ކަންތައްތައް ނިމިގެން މިދާ ފަސް އަހަރުގެ ތެރޭގައި ކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭރު އަރާ ކޮންމެ ރަށަކުން ވެސް އެދެނީ ސްކޫލަށް ކްލާސް ހަމަނުވާ ވާހަކަ، ލަފާ ފުރަން ދަތި ވާހަކަ، ބަނދަރު ނުހެދި އޮތް ވާހަކަ، ކަރަންޓު އަވަސްއަވަހަށް ކެނޑޭތީ ހިފައި ގެންގުޅޭ ތަކެތި، 140 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް އެއް ފަހަރާ ގެންދެވުނު، 150 ރަށުގައި ބަނދަރުގެ މަސައްކަތް، 150 ރަށެއްގައި ކަރަންޓުގެ ކަންކަން ހަމަޖައްސަން ޖެހުނު،" ރައީސް ތަފުސީލުކޮށްދެއްވި އެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ހަ އަތޮޅަކަށް ކުރެއްވި ދަތުރުފުޅުން އެނގުނީ ރައްޔިތުން އެމަނިކުފާނު ބަލައިގެންފިކަން ކަމަށެވެ.

"އުފާވެރި އަމާން ރާއްޖޭގެ ކެމްޕެއިން ދަތުރުގައި ހަ އަތޮޅެއްގެ ހުރިހާ ރަށަކަށް މި ދެވުނީ. އަޅުގަނޑަށް ފެނިގެން ދިޔައީ ރާއްޖޭގެ ރައްޔިތުން މި ބޭނުންވާ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ބޭނުންވެފައިވާ މަންޒަރު،" ރައީސް ވިދާޅުވި އެވެ.

ޖަވާބުދާރީކުރުމާއި ހާމަކަން ބޮޑު ކަމެއް މި ސަރުކާރުގައި ނެތް ކަމަށް ބުނެ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އެމަނިކުފާނު ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް ވަޒީރުން ޖަވާބުދާރީވެފައިވާ މިންވަރުން ވެސް އެކަން ސާފުވާނެ ކަމަށެވެ.

"ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި ކުރިއާ އަޅާ ބަލާއިރު ހާސްބައި ތަފާތު، 2013 އިން ފެށިގެން 2018 އަށް ވަޒީރުން ހާޒިރުވީ 50 ފަހަރު، 321 ފަހަރު ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދީފައި،" ރައީސް ވިދާޅުވި އެވެ.