އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ ކޮޓަރިއެއް އަނދައި ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ކޮޓަރީގައި ރޯވި އަލިފާންގަނޑު މިހާރު އެ ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ލޯންޗު އެ ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވެލިގަނޑު ރިސޯޓުގެ ކޮޓަރީގައި ރޯވެ ވަރަށް ބޮޑަށް ގެއްލުންވެފައި. ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 14:15 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ކޮޓަރީގައި ރޯވީ އެއާކޮންޑިޝަންގެ ކަރަންޓް ޝޯޓްވެގެން ކަމަށެވެ.

ވެލިގަނޑު ރިސޯޓުގެ ކޮޓަރީގައި ރޯވެ ވަރަށް ބޮޑަށް ގެއްލުންވެފައި. ފޮޓޯ: އެމްއެންޑީއެފް

ކްރައުން އެންޑް ޗަމްޕާ ރިސޯޓުން ހިންގާ ފަސްތަރީގެ ރިސޯޓުގައި 91 ކޮޓަރި ހުރެ އެވެ. މީގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ވެސް ހިމެނެ އެވެ.