ރާއްޖޭގެ ހަމަޖެހުން ނަގާލައިގެން އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު މަޑަވެއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ މަޑަވެލީގެ އެމްޑީޕީގެ ޖަގަހައިގައި ރޯކޮށްލުމުން އެކަން ކުށްވެރިކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން ކަމަށެވެ. މިހިނގައިދިޔަ ކަންކަމީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، ނަމަވެސް ރައީސް ވަނީ މަޑަވެލީ އެމްޑީޕީއާއި ކޯލިޝަންގެ މެމްބަރުން އެކަމާއި ނުވިސްނައި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.

މަޑަވެލީގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން.... ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

"އެއްގޮތަކަށްވެސް އެކަމާއިމެދު ކަންބޮޑުވެ، ޖަވާބު ދެއްވުމަށް އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް. އަމާޒު ހިފަންވީ އިންތިޚާބު ކާމިޔާބު ކުރުމަށް. އިންތިޚާބު ކާމިޔާބު ކުރެވޭނީ ވޯޓުން. އަމަން އަމާންކަމާއި ސުލްހަވެރިކަން ނަގާލައިގެން ލިބޭނެ ކާމިޔާބީއެއް ނެތް. އަމާޒު ހުރީ އިންތިޚާބު ކާމިޔާބުކޮށް ހުރިހާ ރައްޔިތުންނަށް އަމާން ރާއްޖެއެއް ހޯދައި ދިނުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގދ. މަޑަވެއްޔަށް ރައީސް ސޯލިހު ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ހުޅުޖަހާފައި

އެރަށުގައި ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ބަޔަކު ރޯކޮށްލާ އެތަނުގައި ހުރި ހުރިހާ އެއްޗަކަށް ވަނީ ގެއްލުންދީފަ އެވެ. އެ ތަނުގައި ބަޔަކު ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްކަމަށް އެނގިފައިވެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެހެން ނަމަވެސް މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވެ އެވެ.

މިޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ މަޑަވެއްޔަށް ގިނަ ވައުދުތަކެއްވެފަ އެވެ. އެގޮތުން ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ބިން ހިއްކައި އެ ތަނުން ގޯތި ދޫކޮށް ރޯހައުސް އާއި ފްލެޓު އަޅައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އައިސް ޕްލާންޓްގެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި އެތަނުގެ ހިދުމަތް މަސްވެރިންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މަޑަވެއްޔަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ތިބި ރައްޔިތަކާ ރައީސް ސަލާމްކުރައްވަނީ.. ފޮޓޯ: ކެމްޕޭން ޓީމް

"މަޑަވެލީގެ ބިން ހިއްކާ އިރު، ހާދޫ އާއި މަޑަވެލި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްކޮށްލާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ރަށުން އޭޓީއެމްގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ލިބޭނެ ގޮތް ވެސް ފައްޓަވައި ދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރާނީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށާއި، ސިޔާސީ ވިސްނުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހެއްކަމަށް ނުބަލާ، ކޮންމެ ރަށަކަށްވެސް ބޭނުންވާ ހިދުމަތްތައް އެ ރަށްރަށަށް ފޯރުކޮށްދޭނެ ކަމަށެވެ.