އިދިކޮޅު ޕާޓީތަކަށް އެކުގައި ކޯލިޝަން ހަދާނެ ބަޔަކު ނުލިބުނު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގދ. ގައްދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެންނަނީ އެއިރަކު ހުރި ވެރިއަކު ބަދަލުކުރަން މަސައްކަތް ކުރާތަން ކަމަށެވެ. އެކަމަކު މި ފަހަރުގެ އިންތިހާބުގައި އެމަނިކުފާނު ބަލިކުރަން ކޯލިޝަން ހަދާ މަންޒަރު ނުފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑަށް 2023ގައި މި އަހަރު ތަފާތެއް އެބަ ފެނޭ. ވެރިކަމުގައި ހުންނަ މީހަކު ބަދަލުކުރަން ބޭނުމިއްޔަ މީގެ ކުރިން ދެން ތިބި އެންމެން އަރަނީ އެއްކޮޅަށް. އެންމެން ކިޔަނީ އެކައްޗެއް. އެ ނޫން ގޮތަކަށް އެ ކަން ނުކުރެވިދާނެކަމަށް އެންމެންނަށް ގަބޫލުކުރެވޭތީވެ، ރިސްކެއް ނަގަން ބޭނުންނުވާތީވެ އެންމެން އެއްކޮޅަށް އަރައި ވެރިކަން ބަދަލުކޮށްލަނީ،" ރައީސް ވިދާޅުވި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ އިންތިހާބުގައި ކޯލިޝަން ހެދީ ސަރުކާރު ހިންގާ ޕާޓީން އެކަނި ކަމަށް ރައީސް ވިދާޅުވި އެވެ.

2018 ގެ އިންތިހާބު އައިއިރު ރާއްޖޭގެ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލު ބަންދެއްގައި ނުވަތަ އަރުވާލެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް, މިއަދު އެ ހާލަތު ނެތް ކަމަށާއި ސިޔާސީ މަގްސަދެއްގައި އެއްވެސް މީހަކު ޖަލަށް ނުލާނެ ކަމުގެ އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް އެ ވައުދު ފުއްދިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިއަދު ފަސް އަހަރުގެ ދައުރެއް މި ނިންމަނީ އެއިން އެއްވެސް ކަމެއް ނުކޮށް. ސިޔާސީ އެއްވެސް ލީޑަރެއް ސިޔާސީ ބަންދެއްގައި ނުހުންނާނެ. އެންމެ ކޯޓެއްގެ ފުރާޅުން ވެސް ޓިނު ނުނަގަން. ވެރިކަން ކުރެވިއްޖެ. ވޯޓު ލައްވާއިރު މިކަންކަމާ މެދު ވިސްނަވާ,"