ގދ. ގައްދޫއާ ގަން އަދި ގދ. ރަތަފަންދޫއާ ކެރެއްދޫ ގުޅުވާލުމުގެ މަސައްކަތް ރިޔާސީ ދެ ވަނަ ދައުރުގައި ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ގދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ރަތަފަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ މައްސަލަ ކަމަށެވެ. ނަމަވެސް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެ މައްސަލަ ހައްލު ކޮށްދެއްވުމުގެ ގޮތުން އެރަށާއި ކައިރީގައި އޮންނަ ކެރެންދޫއާ ގުޅާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކައުންސިލުގެ ރައީސް ވިދާޅުވި ބިން ހުރި ވާހަކަ. ހިނގާލާފަ ދެވޭ ހިސާބުގައި އޮތް ކެރެއްދޫގެ ވާހަކަ. އިރާދުކުރެއްވިއްޔާ ބިން ބޮޑު ކުރުމަށްޓަކައި މި ރަށާއި ކެރެއްދޫ އަޅުގަނޑުމުން ގުޅާލާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ގައްދޫގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ގައްދޫއާ ގަން ގުޅާލައްވަން ވައުދުވެވަޑައިގެންފަ އެވެ. މީގެ އިތުރުން ގައްދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"މިރަށާއި ވަރަށް ކައިރީގައި މިއޮތް ގަމާއި ގައްދޫއާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުޅާލަދޭނަން," ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން ގައްދޫ މަގު ހެދުމުގެ ފޭސް ދޭއް ފަށައި ހުރިހާ މަގެއް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައްދޫން 30 ހެކްޓަރުގެ ބިން ހިއްކައި 100 ރޯ ހައުސް އަޅުއްވައި ދެއްވުމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން 90 ޕަސެންޓު ވަނީ ފުއްދިފައި ނުވަތަ ނިންމުމުގެ މަރުހަލާގަ އެވެ. އަދި, މިއިން ޒަމާނަކު ވެސް ކުދި ރަށްތަކަށް އަޅާނުލާ މިންވަރަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.