ގއ. ކޫއްޑު އާއި އެއަތޮޅު ވެރިރަށް ވިލިނގިއްޔާ ބްރިޖަކުން ގުޅައިލުމާމެދު އަލުން ވިސްނަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވިލިނގިލި-ކޫއްޑޫ ބްރިޖް އެޅުމަށް ޓަކައި ހަދަން ޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސާވޭ ހަދަން 21 މިލިއަން ރުފިޔާއަށް ސަރުކާރުން މިދިޔަ ޖެނުއަރީ މަހު އެމްޓީސީސީއާ ހަވާލުކުރި އެވެ. އެނގިފައިވާގޮތުގައި އެ މަޝްރޫއުގެ އަގު މާ ބޮޑު ކަމަށް އެމްޓީސީސީން ވަނީ ސަރުކާރަށް އަންގައިފަ އެވެ.

މިރޭ ވިލިނގިލީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއަށްވުރެ، ވިލިނގިއްޔަށް ތަރައްގީ ގެނެވޭނެ ޕްރޮޕޯސަލްތައް އެމަނިކުފާނުގެ އަތުގައި އެބަހުރި ކަމަށެވެ.

"އެކަމަކު އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވައިލަން ބޭނުން ވަނީ އަދި ހިންގަވާށޭ މިއާ ދޭތެރޭގައި ވިސްނައިލައްވަން. މިއަށް ވުރެ ރަނގަޅަށް ، މުޅި ވިލިނގިއްޔަށް ތަރައްގީ ގެނެވޭނެ ޕްރޮޖެކްޓްތަކެއް، ޕްރޮޕޯސަލް ތަކެއް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އަޅުގަނޑު މީގައި ގޮތެއް ނިންމަން ގަސްދުކުރަނީ ތިޔަ ބޭފުޅުންނާ އަދި މަޝްވަރާކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ވިލިނގިއްޔަކީ މަސްވެރިކަން ކުރިއަރާފައިވާ ރަށެއްކަމުގަައިވާތީ އެ ރަށުގައި މަސް ރައްކާކުރެވޭނެ އިންތިޒާމާއި މަސްވެރިންނަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދެކުނުގެ ދެ ސަރަހައްދެއްގައި ދެން އަންނަ ދައުރެއްގައި ދެ ކޭނިން ފެކްޓްރީއެެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

"މަދުވެގެން ދެ ކޭނިން ފެކްޓްރީ ދެކުނުގައި ހެދުން އަލުގަނޑުމެންގެ ޕްލޭނުގައި އެބައޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.