40ގެ އަހަރު ތަކަކީ ހަށިގަނޑަށް ދޭންޖެހޭ ސަމާލުކަން އިތުރު ކުރަންޖެހޭ ދުވަސް ވަރެކެވެ. މި އުމުރުގައި ކެއުމުގައި ނުރަނގަޅު ކާނާ ހިމަނައިފިނަމަ އެހެން ބަލިތަކަށް މަގުފަހިވާތީ އެވެ. މި ލިޔުމުގައި މި ބަލާލަނީ 40 އަށް އެޅުމުން ދުރުވާންވީ ބައެއް ކެއުން ތަކަށެވެ.
ފިޒީ ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކްސް އަކީ އެއްވެސް އުމުރުފުރާއެއްގެ މީހެއްވެސް ގިނައިން ބޭނުންކުރުން ރަނގަޅު އެއްޗެއް ނޫނެވެ. ނަމަވެސް އެފަދަ ތަކެއްޗަކީ މި އުމުރުގައި އެއްވެސް ވަރަކަށް ބޮއެގެން ވާނެ ބުއިމެއް ނޫނެވެ. މި ބުއިން ތަކުގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭއިރު ހަކުރު ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވާތީ އެވެ.
ކެއުމަށް ބޮޑެތި ބަދަލުތަކެއް އެ އުމުރުގައި ގެންނަން ޖެހޭއިރު އެންމެ މުހިއްމު ކަމަކަށް ކެއުމަށް ބޭނުންކުރާ ގޮދަނުގެ ބާވަތްތައް ބަދަލުކުރަން ޖެހެ އެވެ. ހުދު ފުށުގެ ބަދަލުގައި އާޓާ ފުށަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ ފުށެކެވެ. އަދި ވައިޓް ބުރެޑްގެ ބަދަލުގައިވެސް ބްރައުން ބްރެޑް ބޭނުންކުރަން އާދަކުރާށެވެ. ހަމައެއާއަކު ހުދު ހަނޑުލުގެ ބަދަލުގައި މުށި ހަނޑޫ ބޭނުން ކުރުން ވެސް އެދެވިގެންވެ އެވެ.
އެއާއެކު ބަންދުކޮށްފައި ހުންނަ ސޮސެޖް، ކުކުޅު ފަދަ ތަކެއްޗަކީ ރީއްޗަށް ފިނި ނުކުރެވިއްޖެނަމަ ކޮންމެ އުމުރެއްގައި ވެސް ހަށިގަނޑަށް ގެއްލުން ލިބިދޭ އެއްޗެއްސެވެ. ނަމަވެސް ދަޅުގައި ހުންނަ މަސް ނުވަތަ ބަންދުކުރެވިފައި ހުންނަ ތަކެތި ހާއްސަކޮށް އެ އުމުރުފުރާގައި ބޭނުންކުރުމުން ކެންސަރަށް މަގުފަހިވާކަމަށް ދިރާސާތަކުން ހާމަވެ އެވެ.
އުމުރުން ދުވަސްވާ ވަރަކަށް ސިއްހަތަށް ދޭ ސަމާލުކަން އިތުރު ކުރަން ޖެހޭއިރު ކެއިން ބުއިމަށް ގެންނަ ބަދަލުތަކަކީ އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލަން ޖެހޭ ބަދަލެކެވެ.