ސިޔާސީ މައިދާނަށް ބަލާއިރު، މިހާރު ހުންނެވީ ދެވޭނެ އެންމެ އުހުގައި ކަމަށާއި އަންނަ ދައުރުގައި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން ފިޔަވައި، ސިޔާސީ ގޮތުން ވެސް ހާސިލްކުރަން ބޭނުންވާނެ އެއްވެސް ކަމެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހާރު ނ. އަތޮޅަށް ކުޔރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާޅެންދޫ ބަނދަރު ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ ފެންނަން އަދި ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެމަނިކުފާނު ރިޔާސީ ރޭހަށް ނިކުމެވަޑައިގެން މިހުރީ ދެވަނަ ފަހަރަށް ކަމަށާއި، ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސިޔާސީ މަގުސަދުގައި އަޅުގަނޑު ބޭނުންވާނެ އެއްވެސް ކަމެއް ނެތް. އިރާދުކުރެއްވީތީ މިއަދު މިހުރީ ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި. ތިބޭފުޅުންގެ ތާއީދާއެކު،" ރައީސް ވިދާޅުވި އެވެ. "ކުރިއަށް އޮތް ދައުރުގައި އަޅުގަނޑު ސިޔާސީ މަގުސަދެއްގައި އަޅުގަނޑު ކުރާނެ ހަމަ އެއްވެސް ކަމެއް ނެތް. އަޅުގަނޑުގެ މަގްސަދަކަށް ވާނީ، އަޅުގަނޑުމެން ފަށާފައި އެހުރި ހުރިހާ މަސައްކަތެއް ނިންމާލުން. ރައްޔިތުންނަށް އަމާން ދިރިއުޅުމެއް ހޯދުން. އެނޫން އެއްވެސް ކަމެއް އަޅުގަނޑުގެ ނޯންނާނެ."

ރައީސް ސޯލިހު މިހާރު ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެ އަތޮޅު މާޅެންދުއަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ.

ރައީސް ވިދާޅުވީ މި ދައުރުގައި އުމްރާނީ ގިނަ މަޝްރޫއުތަކާއި އިޖުތިމާއީ އެތައް ކަމެއް ކޮށްދެވިއްޖެ ކަމަށެވެ. އެކަންކަމުގެ ނަތީޖާ ނުކުންނަން އަދި ދުވަސް ނަގާނެ ކަމަށާއި އެކަންކަން ހާސިލްވުމުން ރައްޔިތުންނަށް ލިބިގެންދާނީ މާ އުފާވެރި ދިރިއުޅުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަންނަ ދައުރު ނިމިގެންދާއިރު މާ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަންނަ ދައުރު ނިންމާފައި ވަޑައިގަންނަވާނީ މިހާރަށް ވުރެ މާ ތަރައްގީވެފައި އޮތް އަމާން ތަނަކަށް ރާއްޖެ ހަދާފައި ކަމަށެވެ. އެގޮތުން އެމްޑީޕީއާ މިހާރު ގުޅިފައި އޮތް ކޯލިޝަންއާއެކު މިމަގުސަދު ހާސިލް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ ދައުރުގައި އެޕާޓީން ކުރިއަށް ގެންދާނެ މަަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އުފާވެރި އަމާން ރާއްޖޭގެ ސިޔާސަތުގެ ދަށުން ކުރާނެ ކަމަކީ ރާއްޖެގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ރަށްރަށުގައި ކުޅިވަރު ކުޅޭނެ ފުޓްބޯޅަ ދަނޑެއް މަދުވާނެ ކަމަށާއި، ރަނގަޅު ވޮލީ ކުޅޭނެ ކޯޓެއް ނެތޭ ބުންޏަސް މަދުވާނެ ކަމަށެވެ.