ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ސްކޫލުތަކުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދޭން އުޅޭތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި މާލެ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައި ދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ރައްޔިތުން ތެދުވެ, ގައުމިއްޔަތު ސަލާމަތް ކުރުމަށް ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު މި އިވެނީ ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސީ ބަހުން އިސްލާމް މާއްދާއާއި މިހުރިހާ އެއްޗެއް ކިޔަވައިދޭން އުޅޭ ވާހަކަ. ގައުމިއްޔަތު ގެއްލުވައިލުމުގެ މަސައްކަތް މިވަނީ ފެށިފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތުގެ ވާހަކަދައްކާ, އެ މަގުން މަސައްކަތް ކުރާ ފުރަތަމަ ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. އަދި ގައުމު ސަލާމަތް ކުރެވޭނެ ހަމައެކަނި ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އެހެން ނޫނީ މިފެންނަ ގޮތަށް ކަންކަން ދާން ދޫކޮށްލާފިއްޔާމު ތާއަބަދަށް ގައުމުގެ މިނިވަންކަމާއި ގައުމީއްޔަތު އޭގެ ހަގީގީ މާނާގައި އެ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބޭނެ،" ނުސީދާކޮށް ރައީސް ސޯލިހަށް ފާޑުކިއުން އަމާޒުކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އިނގިރޭސިން އިސްލާމް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އަންނަ ދައުރުގައި ހޯދައިދިނުމަށް ރައީސް ސޯލިހު ވަނީ ވައުދު ވެފައިވަޑައިގެންފަ އެވެ.
އެ ސިޔާސަތުގައި ބުނެފައި ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން އެ ފުރުސަތު ހޯދައިދިނުމަކީ ރިޔާސީ ވައުދެއް ކަމަށެވެ. އޭގެ އިތުރުން ކުދިންނާ ރަހްމަތްތެރިކޮށް އިސްލާމް މާއްދާގައި ކިޔަވައިދޭ ބައިތަކާއި، ކިޔަވައިދޭ ގޮތްތަކާއި، ކިޔަވައިދޭން ބޭނުންކުރާ އުކުޅުތައް މުރާޖާކޮށް، ޓީޗަރުންގެ ތަމްރީނުގައި މިބައިތައް ހިމަނަން ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ވައުދުވެފަ އެވެ.
މިޖަލްސާގައި މުއިއްޒު ވަނީ އިހަވަންދޫގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެފަ އެވެ. އޭގެ ތެރޭގައި ރަށުގެ މަގުތައް ހަދައިދީ، ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ތަރައްގީ ކޮށްދިނުމަށް ވަނީ ވައުދުވެފަ އެވެ. މީގެ އިތުރުން އިހަވަންދޫގެ މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމަށް ވެސް މުއިއްޒު ވަނީ ވައުދުވެފަ އެވެ.