ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމްގެ ލޯނު ސްކީމްގެ ދަށުން ކިޔަވައިފައިވާ ދަރިވަރުންގެ ލޯނު މައާފްކުރި ކަމުގެ ލިޔުން ދިނުމަށްޓަކައި ގާސިމްގެ ހަރަދުގައި މިހާރު ކިޔަވަމުންދާ އަދި ކިޔެވުން ނިމިފައިވާ ދަރިވަރުން މައުލޫމާތު ހިއްސާކޮށްދޭން އެދިއްޖެ އެވެ.

ވިލާ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ގާސިމް ލޯނުތައް މައާފްކޮށްދީފައި ވާތީ އެކަމުގެ އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި އެ ފައުންޑޭޝަންގެ އެހީގައި ކިޔެވި މީހުންނަށް ގުޅޭނެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭކަމަށެވެ. އެހެންކަމުން މިމަހުގެ 20ވަނަ ދުވަހުގެ ކުރިން އެ މައުލޫމާތު ހިއްސާކުރުމަށް އެ ފައުންޑޭޝަނުން އެދެ އެވެ.

ވިލާ ފައުންޑޭޝަންގެ އެހީގައި ކިޔެވި މީހުންނަށް ލޯނު ފައިސާ މަޢާފްކޮށްދިންކަމުގެ ސިޓީ ހަވާލުކުރުން މިމަހުގެ 27 އަދި 28 ވަނަ ދުވަހު ވިލާ ފައުންޑޭޝަނުގައި ކުރިއަށްދާނެ އެވެ.

ލޯނު ނުވަތަ ސްކޯލާޝިޕް މައާފްކުރުމާ ބެހޭ އިތުރު މައުލޫމާތު ވިލާ ފައުންޑޭޝަންގެ ނަންބަރު 3333201 އަދި 3333202އަށް ގުޅުމުން ލިބޭނެ އެވެ.

ގާސިމްގެ އެހީގައި ތައުލީމު ހޯދާފައިވާ އަދި ހޯދަމުންދާ ކުދިންގެ ޖުމްލަ އަދަދު 8،000 އާ ގާތްކުރެއެވެ. އޭނާ ވިދާޅުވީ މިއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ކަމަށެވެ.