ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސަތައް އަންނަ ހޯމަ ދުވަހު ފަށަން ތާވަލް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާ މަޖިލިސް ޗުއްޓިއަށް ދިޔައީ ކޮމެޓީތައް އެކުލަވާ ނުލެވި މަޖިލިސް ހުއްޓިފައިވަނިކޮށެވެ.
މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބަރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.
ޖަލްސާތައް އޭރު ކުރިއަށްގެންދިޔައީ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުގައި ވިލިފުށީ ދާއިރަގެ މެމްބަރި ހަސަން އަފީފް އިންނަވައިގެންއެވެ. އަފީފް ރިޔާސަތުގައި އިންނަވަނީ އިތުބާރު ނެތް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އޮތުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސަތާ ހަވާލުވެވަޑައިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.
ނަމަވެސް ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލްކުރައްވާނެ ގޮތެއް ނިންމެވުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް މަޖިލީހުގެ އެޖެންޑާގައި އޮތީ ކަނޑައަޅާފަ އެވެ.
އެދުވަހުގެ ޖަލްސާއަކީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާކަން ރިޔާސަތުގައި އިންނަވައި ޖަލްސާ ފަށަމުން ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އެހެންވެ، ދާއިމީ ކޮމިޓީތަކުގެ މަސައްކަތް އެޖެންޑާކޮށްފައި އޮތް ނަމަވެސް އިތުރު ޖަލްސާއެއް ނުބާއްވައި، މި ދައުރުގައި ކޮމިޓީތަކުގެ މަސައްކަތް ނުނިންމޭނެ އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަޖިލީހުގެ ގަވާއިދުގެ އެކި މާއްދާތައް ތަރުޖަމާކުރައްވައިގެން ޖަލްސާތައް ކުރިއަށްގެންދިޔުމަށް ހުރަސް އަޅަމުންނެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަގާމުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު ހުންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.