އާލާސްކަންފުޅާ އުޅުއްވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ދަތުރުތައް މެދުކަނޑަލައިލުމަށްފަހު މާލެ ވަޑައިގަންނަވަން ނިންމައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނު ކުރެއްވުމަށް ރައީސް ވަނީ އއ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންނެވުމަށްފަހު މިއަދު ހެނދުނު އެ އަތޮޅު ހިމަންދޫއަށް ވަޑައިގަންނަވަން އޮތީ ހަމަޖެހިފަ އެވެ.

ނަމަވެސް ރައީސްގެ ކެމްޕޭން ޓީމުން ބުނީ އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ ހިމަންދޫ ދަތުރުފުޅު ކެންސަލްކޮށްލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސްގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި އިއްޔެ އއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައިވެ އެވެ. އޭރު ވެސް ރައީސް އުޅުއްވީ ކޮންމެވެސް ވަރަކަށް އާލާސްކަންފުޅާ އެވެ.

އއ. އަތޮޅު ނިންމެވުމަށްފަހު ދެން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އދ. އަތޮޅަށެވެ. މިހާތަނަށް އެމަނިކުފާނު ވަނީ 11 އަތޮޅަކަށް ވަޑައިގެންފަ އެވެ.

ރައީސް އަރިއަތޮޅަށް ފެއްޓެވި ދަތުރުފުޅު ވެސް އިއްޔެ ފެއްޓެވީ، ކުރިން ޝެޑިއުލްކޮށްފައި އޮތް ދުވަހަށް ވުރެ އެއް ދުވަސް ފަހުންނެވެ. އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދެން އޮތީ ޖުމްލަ 22 ދުވަހެވެ. ގިނަ ކެންޑިޑޭޓުން މިހާރު ގެންދަވަނީ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.