ދިގު ދުވަހަކަށްފަހު ހާސްވެ ކަންބޮޑުވަނީ ހެއްޔެވެ؟ އާ ދުވަހަކަށް ކުރިމަތިލާއިރު އެދުވަހުގެ މަސައްކަތްތައް ކުރާނެހާ ވަރު ނުހުންނަނީ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ އިރުއަރާ މަންޒަރުން ދުވަސް ފަށައި އިރު އޮއްސޭ މަންޒަރުން ދުވަސް ނިންމާލަން އާދަ ކުރާށެވެ.
މިފަހުން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން އިރު އަރާ އޮއްސޭ މަންޒަރު ބެލުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާ ތާޒާ ކޮށްދޭނެ ކަމެކެވެ.
މޫޑު ރަނގަޅަށް ބަހައްޓަން އެހީވެދޭ
އިރުއަރާ މަންޒަރުން ދުވަސް ފެށުމަކީ އެ ދުވަހުގެ ފެށުން ރަނގަޅު ކޮށްދޭނެ ކަމެކެވެ. އެގޮތުން މުޅި ދުވަހު މީހާގެ މޫޑު އުފާވެރިކަން މަތީ ބަހައްޓައިދީ ހާސްކަމުން ދުރުކޮށްދޭނެ އެވެ.
އިރުއަރާ މަންޒަރުން އުއްމީދު އާކޮށްދޭ
އިރު އަރާ ކޮންމެ ދުވަހަކީ އާ ފެށުމެއްކަން މީހާއަށް އިހުސާސްވާ ކޮންމެ ފަހަރަކު ދިރިއުޅުމުގައި އޭނާ ކުރަން ބޭނުންވި ކަންތައްތައް ކުރަން އިތުރު ހިތްވަރު ލިބި އުއްމީދު އާކޮށްދޭނެ އެވެ.
އިރުއޮއްސޭ މަންޒަރުން ހިމޭންކަން ލިބޭ
ބުރަ އަދި ސްޓްރެސް ދުވަހަކަށްފަހު އިރުއޮއްސޭ މަންޒަރު ބަލާލުމަކީ ހިތަށް ހަމަޖެހުން ލިބި ދުވަހުގެ ހާސްކަން ފިލުވާލައި ރޭގަނޑުގެ ނިންޖަށް މީހާ ތައްޔާރު ކޮށްދޭނެ ކަމެކެވެ.
ވިޓަމިން ޑީ ލިއްބައިދޭ
އިރުއަރާ ވަގުތުގައި އެ ހުންނަ މަޑު ހޫނު އަތްވަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާއެއް ކަމަށްވާ ވިޓަމިން ޑީ ލިއްބައިދޭ އެއްޗެކެވެ. އޭގެ އިތުރުން ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދިނުމަށް ހިނގާ ކެމިކަލް ރިއެކްޝަނެއް ކަމަށްވާ މެޓަބޮލިޒަމް އިތުރުކުރުމަށް ވެސް އިރުގެ އަވިން އެހީވެ އެވެ.