ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 48،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިނަށް ބ. ތުޅާދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވިދާޅުވީ ދަައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޕޭ ހަމަނައިޒޭޝަންގެ ދަށުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިމަނާނެ ކަމަށެވެ. އަދި ސަރުކާރު މުވައްޒަފުންގެ މުސާރަބޮޑު ކުރުމަށް ހިންގާ ޕޭ ހާމަނައިޒޭޝަން ޕްރޮގްރާމް ހުއްޓާލާނީ ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަހަރު ފާސްކުރާ ބަޖެޓާއެކު، ފުލުހުންނާއި ސިފައިންނާއި ކަސްޓަމާއި އިމިގްރޭޝަން އަދި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް އަންނާނެ. ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އަދި އިމާމުންނާއި މުދިމުންގެ މުސާރަ ބޮޑު ކުރަނަން،" ރައީސް ވިދާޅުވި އެވެ.

އެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނަ ތަން އަންނަ ޖެނުއަރީން ފެށިގެން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލާއެކު އެވްރެޖުކޮށް ކޮންމެ މީހެއްގެ މުސާރައިން 40 އިންސައްތަ އިތުރުވެގެންދާނެ ކަމަށެވެ. އަދި މުސާރަ ބޮޑު ކުރުމަށް މިހާރު ހިސާބު ޖަހާފައިވާ ކަމަށާއި އެކަމުގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.