މީޑިއާތަކަށް މާލީގޮތުން ދައުލަތުގެ ބަޖެޓުން އެހީދޭން ފެށުމުން މީޑިއާއަށް އަންނަ ހެޔޮ ބަދަލާއެކު ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ 'ހެޔޮ ވެރިކަން' ސިޔާސަތުގެ ދަށުން މީޑިއާތައް މިނިވަންކުރުމަށް ކުރަން ރާވާފައިވާ ކަންކަން މިރޭ ވަނީ ހާމަކޮށްފަ އެވެ.
ރައީސް ވިދާޅުވީ މީޑިއާއަކީ ހެޔޮ ވެރިކަމެއް ކުރުމަށް މުހިންމު ދައުރެއް އަދައިކުރާ ބައެއް ކަމަށާއި މީޑިއާއިން ހާމަކުރާ މައުލޫމާތަކީ ތެދު ހަގީގަތަށްވަކީ މުހިންމު ކަމެއް ކަމަށެވެ.
"ކޮންމެފަދަ ދޮގެއް ތެދަކަށް ވެސް ހެދިދާނެ. ކޮންމެފަދަ ތެދެއް ދޮގަކަށް ވެސް ހެދިދާނެ. މީޑިއާއަކީ އެ ފަދަ ބާރު ގަދަ އެއްޗެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އާ ސިޔާސަތާއެކު އެ ކަން ކުރުމަށް އުސޫލުތަކެއް ކަނޑައަޅައިފައިވާކަމަށެވެ. އަދި ފައިސާގެ ނުފޫޒުން މީޑިއާތައް އެއްކިބާކުރުމަށް ސިޔާސަތުތަކެއް އެކަށައަޅާފައިވަކަން އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.
"އަދި ހަމައެއާއެކީގައި ފައިސާގެ ނުފުޒުން އެއްކިބާވެފައި އޮތް އަމިއްލައަށް ފުދުންތެރިކަމާއެކީގައި ހިންގޭ މީޑިއާތަކަކަށް މީޑިއާތައް ބަދަލުވާން އެބަޖެހޭ. އެ ކަމަށް ޓަކައި ކަނޑައެޅިފައިިވާ އުސޫލެއްގެ ތެެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ގޮތް މިހާރުވަނީ ކަނޑައަޅައިފައި،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ވާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޭނެ މީޑިއާތައް ކަނޑައަޅާނީ މީޑިއާގެ ކަންކަން ބަލަހައްޓާ އިދާރާއަކުންނެވެ.