ދުވާލަކު މަދުވެގެން އެއް ކުކުޅު ބިސް ކާނަމަ، ހިތުގެ ބަލިތަކުންން ދުރުކޮށްދޭ ކަމަށް މިފަހުން ހެދި ދިރާސާ އަކުން ހާމަ ވެއްޖެ އެވެ.
ދިރާސާ އިން ދައްކާފައިވާ ގޮތުގައި ދުވާލަކު ކުކުޅުބިހެއް ބޭނުން ކުރާ މީހުންނަށް ހިތުގެ ބަލިތަކުގެ އިތުރުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކެއުމުގައި ކުކުޅުބިސް ނުހިމަނާ މީހުންނާ އަޅާ ބަލާއިރު ފާހަގަ ކުރެވޭ މިންވަރަކަށް ކުޑަވެ އެވެ.
ދިރާސާގެ ހޯދުންތަކާ ބެހޭ ގޮތުން ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައިވަނީ މިދިރާސާއިން ފެންނަ ގޮތުގައި އާދައިގެ މިންވަރަކަށް ކުކުޅު ބިސް ބޭނުން ކުރުމުން ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ ކަމަށް ސާބިތު ކުރެވޭ ކަމަށެވެ.
މީގެ ކުރީގެ ދިރާސާތަކަށް ބަލާއިރު ކުކުޅުބިސް ބޭނުން ކުރުމާއި ހިތުގެ ބައްޔާއި ހުރި ގުޅުމެއް މާރަނގަޅަށް ސާފުވެފައި ނެތްކަން ފާހަގަ ކުރެވުނު ނަމަވެސް ބިހަކީ ހިތުގެ ބައްޔަށް މަގުފަހި ކުރުވާ ކޮލެސްޓްރޯލް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެއްކަން އެނގިފައިވެ އެވެ.
މި ދިރާސާއަށް ފާޑުކީ ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ، ކުކުޅު ބިސް ބޭނުން ކުރުމުން ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ ކަމަށް ދިރާސާއިން ހާމަވި ނަމަވެސް، ކުކުޅު ބިހަކީ ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުން ސަލާމަތް ކޮށްދޭ އެއްޗެއް ކަން މި ދިރާސާއިން ސާބިތު ނުވާ ކަމަށެވެ.
އެ ސައިންސްވެރިން ބުނާ ގޮތުގައި ހިތުގެ ބައްޔާއި ސްޓްރޯކް ފަދަ ބަލިތަކަކީ ކެއުން ބުއިން ބަހައްޓާ ގޮތުގެ އިތުރުން ދިރިއުޅުމުގެ އާދަތަކާއި ވެސް ގުޅުން ހުރި ބަލިތައް ކަމަށެވެ. އެހެން ކަމުން ވަކި ބާވަތެއްގެ ކާއެއްޗަކާ މިބާވަތުގެ ބައްޔާއި ހުންނަ ގުޅުން ދެނެގަތުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ދުޅަހެޔޮ ކާނާގެ ތެރޭގައި ކުކުޅުބިސް ހިމެނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އިނގިރޭސި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެގައުމުގެ ރައްޔިތުންނަށް ދީފައިވާ އާއްމު ސިއްހީ އިރުޝާދުގެ ތެރޭގައި ހިމެނެ އެވެ.