އުމުރުން 64 އަހަރުގެ އިނގިރޭސި އަންހެނެއްގެ ސިކުނޑިން 8 ސެންޓިމީޓަރު ދިގު ދިރޭ ސޫތްޕެއް ނަގައިފި އެވެ.

އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ އެ މީހާ ޑޮކްޓަރަށް ދައްކާފައިވަނީ ހަނދާން ނެތުމާއި ޑިޕްރެޝަންގެ އަލާމާތްތައް ފެންނާތީ އެވެ.

އޭގެ އަހަރެއްހާ ދުވަސް ކުރިން ވެސް އޭނާ ވަނީ ބަނޑުކޮޅަށް ތަދުވާތީއާއި މާ ގިނައިން ބޮޑުކަމު ދެވޭތީ ވެސް ޑޮކްޓަރަށް ދައްކާފަ އެވެ.

އެގޮތުން ހެދި އެމްއާރްއައި އިން އޭނާގެ ސިކުނޑީގައި ތަފާތު އެއްޗެއް ފާހަގަވެ އިތުރަށް ބެލި ބެލުންތަކުން އެއީ ދިރޭ ސޫތްޕެއްކަން ޑޮކްޓަރުންނަށް ވަނީ އެނގިފަ އެވެ.

މިއީ ދުނިޔޭގައި ވެސް އިންސާނެއްގެ ސިކުނޑިން ދިރޭ ސޫތްޕެއް ނެގި ފުރަތަމަ ފަހަރެވެ. ބައެއް ހާލަތްތަކުގައި ސޫފާސޫފި އިންސާނެއްގެ ހަށިގަނޑަށް އެތެރެވި ނަމަވެސް މާ ގިނައިރެއް ނުވެ އެ މަރުވެ އެވެ.

އެ އަންހެން މީހާގެ ސިކުނޑިން ނެގި ސޫތްޕަކީ އޮސްޓްރޭލިއާގެ ޖަންގަލީގައި އުޅޭ ހަރުފައިގެ ބާވަތެއްގެ ހަޖަމުކުރާ ނިޒާމުން ފެންނަ ސޫތްޕެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އޭނާގެ ސިކުނޑީގައި ފަނި އާލާވާން މެދުވެރިވި ސީދާ ސަބަބެއް އެނގުމަކީ ނާދިރު ކަމެއް ނަމަވެސް ޑޮކްޓަރުން ލަފާކުރާ ގޮތުގައި އެކަން މެދުވެރިވީ އެ ހަރުފައިގެ ބޮޑުކަމުދާ ތަކެތީގެ އަސަރު ކޮށްފައިވާ ގަސްކާނާއެއް ބޭނުން ކުރެވުމުންނެވެ.

އެގޮތުގެ މަތިން އެ ސޫފީގެ ބިސް ހަށިގަނޑުގެ ތެރެއަށް ވަދެ ބިސް އާލާވެ އޭގެ ތެރެއިން ސޫތްޕެއް އަންހެން މީހާގެ ސިކުނޑިއާ ހިސާބަށް ދަތުރުކުރީ ކަމަށް ބެލެވެ އެވެ.

ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހޭ ބަލިތަކަކީ އާއްމު ގޮތެއްގައި ޕެންޑަމިކްގެ ހާލަތްތަކަށް ވެސް މެދުވެރި ކުރުވާ ބަލިތަކެވެ.