ޝަންގްހައި (20 ޖެނުއަރީ) - އަލިބާބާ ގްރޫޕްގެ ވެރިޔާ ޖެކް މާ އަދި ޗައިނާގެ ބިލިއަނަރު ޖެކް މާ ވީނުވީއެއް ނޭނގި ގެއްލުނު ކަމަށް އަޑުފެތުރުނު ފަހުން އެންމެ ފަހުން ޚަބަރުވެއްޖެ އެވެ.

ޖެކް މާ ވަނީ އޮންލައިންކޮށް ބޭއްވި ޓީޗަރުންގެ އިވެންޓެއްގައި ބައިވެރިވެފަ އެވެ. އަދި މިކަން އަލިބާބާ އަދި އޭނާގެ ޗެރިޓީ ފައުންޑޭޝަނުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. 50 ސިކުންތުގެ ކުރު ވީޑީއޯ ކޮޅުގައި ޖެކް މާ ފެންނަނީ ނޫކުލައިގެ ޓީޝާޓެއް ތުރުކުރައްވައިގެން އިންނަވާ ތަނެވެ. ބަލާބެލުމަކަށް ސިއްހީ ހާލަތު ގޯސްކަމަކަށް ފާހަގަ ކުރެވިފައިނުވެ އެވެ.

ޖެކް މާގެ މި ފެނިލުމާއެކު، ކަންބޮޑުވެފައި ތިބި އިންވެސްޓަރުންނަށް ވަނީ ހަމަޖެހުމުގެ ނޭވާއެއްލެވިފަ އެވެ. އަދި އަލިބާބާގެ ހޮންގްކޮންގް ލިސްޓިންގެ ޝެއާގެ އަގުތައްވަނީ 10 ޕަސެންޓަށް ކުރިއަށްޖެހިލާފަ އެވެ.

ޖެކް މާ ގެއްލުނު ކަމަށް މީޑިއާއިން ހަބަރު ފަތުރާފައިވަނީ އޭނާގެ އެއްވެސް ހަބަރެއް ނުވާތާ ތިންމަސް ދުވަސް ވުމުންނެވެ.

ޖެކް މާ އެންމެ ފަހުން ޓްވީޓެއް ވެސް ކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު 10 ވަނަ ދުވަހު އެވެ. އަދި މީގެ އިތުރުން ޖެކް މާ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވާ ރިއަލީ ޝޯ ގެ ފައިނަލް އޮތް ދުވަހަށް ވަޑައިނުގަތުމުން މީޑިއާގައި ޖެކް މާ ގެއްލުނު ވާހަކަ ވަނީ ބަރަށް ބޮޑަށް ދެކެވިފަ އެވެ.

ޗައިނާ ސަރުކާރުން ވަނީ ޖެކްމާ އެގައުމުގެ ބޭންކްތައް ހިންގާ ގޮތާއިމެދު ފާޑުވިދާޅުވެ ވާހަކަ ދައްކާތީ އެކަމާއި ނުރުހުންވެފަ އެވެ. އަދި ޖެކް މާގެ އޭންޓް ގުރޫޕް ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް ޗައިނާ ސަރުކާރުން ވަނީ އެކަން ވެސް ހުއްޓުވާފަ އެވެ. -އަލްއަރަބިއާ