ހެނދުނު ހޭލާ ގޮތަށް ކޮފީ ތަށްޓެއް ބުއިމަކީ އަހަރުމެންގެ އާދަ އެކެވެ. ނަމަވެސް މި އާދަ ދޫކޮށް އޭގެ ބަދަލުގައި ހެނދުނު ތެދުވެ އެންމެ ފުރަތަމަ ބޯން އާދަ ކުރަންވީ ހޫނު ލުނބޯ ފެން ތަށްޓެކެވެ. ސަބަބުތައް ބައިވަރެވެ.
މިފަދައިން ހޫނު ފެނާއި ލުނބޯ އެއްކޮށްލުމުން ލިބޭ އެންމެ ބޮޑު ފައިދާ އަކީ ހަޖަމުކުރުމުގެ ނިޒާމަށް ކުރާ އަސަރެވެ. ފާހާނާއަށް ދާން އުނދަގޫނަމަ ހެނދުނު ހެނދުނާ ކުރަން މިއީ ރަނގަޅު ކަމެކެވެ. ގަވާއިދުން މި ބުއިން ބޯނަމަ ބަނޑުގައި ހުންނަ އެސިޑްކަން ފިލުވައިދީ، ޔޫރިކް އެސިޑްތައް ބޭރުކުރުމަށް އެހީވެ އެވެ. ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ވެސް މިއީ ފަސޭހައިން ފާހާނާ ކުރުމަށް އަދި ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި އެއްޗެކެވެ.
މީގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ހޯދައިދިނުމަށްވެސް މި ބުއިން ބޭނުންކުރެވިދާނެ އެވެ. ހުތް މޭވާ ތަކަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗިއްސަށް ވުމުން، ކެއުމުގައި ކޮންމެހެން ހިމެނުމުގައި ބަދަލުގައި މިގޮތަށް ބޭނުންކުރުމުންވެސް ފަސޭހައިން އެ މިންވަރު ހާސިލް ވާނެ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ ޓްރަސްޓެޑް ސޯސް އިން ބުނާގޮތުގައި ލުނބޯ ހުތުގައި 18.6 މިލިގްރާމްގެ ވިޓަމިންސީ އެކުލެެވެ އެވެ. ދުވަހެއްގެ މައްޗަށް ބޮޑު މީހެއްގެ ހަށިގަނޑަށް ގާތްގަނޑަކަށް 65 އާއި 90 މިލިގްރާމްގެ މިންވަރަށް ވިޓަމިން ސީ ބޭނުންވެ އެވެ.
ދިރާސާތަކުން ދައްކާގޮތުން ލުނބޯގައި ހިމެނޭ ޕޮލީފެނޮލް އެންޓި އޮކްސިޑަންޓްސް ގެ ސަބަބުން ބޮޑުތަނުން ބަރުދަން ލުއިކުރުމަށް އެހީވެ އެވެ. އަދި މި ދިރާސާތަކުގައި ބުނާގޮތުން ހަމަ މި މާއްދާގެ ސަބަބުން ބްލަޑް ގުލްކޯސް ގެ ނޭދެވޭ އަސަރު ދަށްކޮށްދީ އިންސުލިން ރެސިސްޓަންސް ގެ މިންވަރު ރަނގަޅު ކޮށްދެ އެވެ. މިއީ ޓައިޕް 2 ޑައިބެޓީސް އިން ދިފާއުވުމުގައި އެންމެ މުހިންމު ދެކަމެވެ.
މި ދިރާސާތައް އަދި އިންސާނުން ބޭނުންކޮށްގެން ސާބިތުކުރުން ކުރިއަށް އޮތީ އެވެ. އެހެންނަމަވެސް މިއީ ބަރުދަން ލުއިކުރުމުގައި ބޮޑު އެހީއެއް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.
ކޮންމެއަކަސް ހަންގަނޑު އޮމާންކޮށް ޒުވާންކަން އިތުރުކޮށްދިނުމަށްވެސް އެހީވެދޭ ހަށްޓަށް ލުއި އަދި ތައްޔާރުކުރަން ފަސޭހަ މި ބުއިމަކީ އަޖުމަ ބަލާ ނުލާ ދޫކޮށްލާ ވަރުގެ ބުއިމެއް ނޫނެވެ.