ހަޖަމު ކުރުމުގެ ނިޒާމް ވަރުގަދަ ކުރުމަށްޓަކައި ޑޮކްޓަރުންނާއި މާހިރުން ގިނަ ކެއުންތަކެއް ކެއުމަށް ލަފާދެ އެވެ. އޭގެ ތެރެއިން ވެސް ތިރީގައި މިވާ ބާވަތްތަކަކީ ހަޖަމު ކުރުމުގެ ނިޒާމް ވަރުގަދަ ކުރުމަށްޓަކައި އެހީވެދޭ ބާވަތްތަކެއް ކަމަށް ދިރާސާތަކުން ސާބިތުވެފައިވެ އެވެ.

އާފަލު

އާފަލަކީ ފައިބާ ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. ފައިބާއަކީ އޭގެ ސަބަބުން ގޮހޮރު ސާފުކޮށްދޭ އެއްޗަކަށްވުމާއެކު ގޮހޮރުގެ ސިއްހަތަށް އާފަލަކީ މުހިންމު ބާވަތެކެވެ.

އިނގުރު

އިނގުރަކީ ގިނަ ބެލިތަކަކަށް ފަރުވާއެއް ކަމަށް ޑޮކްޓަރުން ވެސް ބުނެ އެވެ. އެގޮތުން އެއީ ހަޖަމްކުރުމުގެ ނިޒާމުގެ ހިނގުން ރަނގަޅުކޮށްދޭ އެއްޗަކަށްވުމާއެކު ގޮހޮރުގެ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ.

ލުނބޯ

ލުނބޯގައި ހިމެނީ އެންޓި އޮކްސިޑަންޓްސް އާއި ވިޓަމިން ސީގެ ސަބަބުން ގޮހޮރުގައި ތަތްލާފައި ހުންނަ ކާއެއްޗިހި ހަޖަމް ކުރުމަށް އެހީވެދެ އެވެ. މީގެ އިތުރުން އެއީ ގޮހޮރުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ އެއްޗެއް ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

ލޮނު

ލޮނަކީ ގޮހޮރުގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމުގައި ހީވި ނަަމަވެސް ފުރެއްދެލޮނަކީ ހަޖަމްކުރުމުގެ ނިޒާމްގެ ހިނގުން ފަސޭހަ ކޮށްދޭ އެއްޗެކެވެ.

މި ހުރިހާ ސަބަބަކަށްޓަކައި މިތަކެތި ބޭނުންކޮށްގެން ޑީޓޮކްސް ބުއިމެއް ބޭނުންކުރުމަކީ ގޮހޮރުގެ ސިއްހަތު ރަނގަޅު ކޮށްދޭނެ ކަމެކެވެ.

ބޭނުންވާ ތަކެތި

  • 1/2 ޖޯޑު އާފަލު ޖޫސް
  • 2 ސަމުސާ ލުނބޯހުތް
  • 1 ސަމުސާ އިނގުރު ދިޔަ
  • 1/2 ސަމުސާ ލޮނު
  • 1/2 ޖޯޑު ހޫނު ފެން

ތައްޔާރު ކުރާނެ ގޮތް

ފެން ހޫނު ކުރުމަށްފަހު ލޮނު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ދެންހުރި ހުރިހާ އެއްޗެއް އެޅުމަށްފަހު ވެސް އެއްކޮށްލާށެވެ.

ކޮންމެ ދުވަހަކު ހެނދުނު ހައިބަނޑާ މި ބުއިން ބޯށެވެ. މި ބުއިމާއެކު މަދުވެގެން 8 ޖޯޑު އާދައިގެ ފެން ބޯނަމަ ގޮހޮރޮގެ މައްސަލަތަކުން ދުރުވާނެ އެވެ.