ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ކަޝްމީރުގެ މުސްލިމުންގެ އިމާމު މީރުވާއިޒް އުމަރު ފާރޫގް އިންޑިއާ ސަރުކާރުން އިއްޔެ ދޫކޮށްލައިފi އެވެ.
ކަޝްމީރުގެ ސިޔާސީ އެތައް ލީޑަރުންތަކަކާއި އާންމުންގެ އެތައް ހާސް ބަޔަކާ އެކު މީރުވާއިޒް އިންޑިއާ ސަރުކާރުން ހައްޔަރު ކުރީ ކަޝްމީރު ވަކި ބައެއްގެ ގޮތުގައި ހިންގަން އިންޑިއާގެ ގާނޫނުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ސީދާ މައި ސަރުކާރުގެ ދަށަށް އެ ސަރަހައްދު 2019 ވަނަ އަހަރު ގެންދިއުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑު އުފުލުމުންނެވެ. އެ މުޒާހަރާތަކާ ގުޅިގެން އިންޑިޔާ ސަރުކާރުން މުޅި ކަޝްމީރުން އިންޓަނެޓްގެ ޚިދުމަތް ކަނޑައިލައި ސިފައިންނާއި ފުލުހުންގެ ފައުޖުތަކުން ސަރަހައްދު ފުރާލިއެވެ.
އެ ދުވަސްވަރު ހައްޔަރުކުރި ގިނަ ބަޔަކު ދޫކޮށްލި ކަމުގައި ވިއަސް މީރުވާއިޒު ހުރީ ގޭގައި ބަންދު ކޮށްފަ އެވެ. ގެއިން ނުކުމެގެން އޭނާ އިމާމުކަން ކުރާ މިސްކިތް ކަމުގައިވާ ސްރީ ނަގަރުގެ ޖާމިއާ މިސްކިތަށް ނަމާދަށް ދިއުން ވެސް އޮތީ މަނާކޮށްފަ އެވެ.
ބަންދުން ދޫކޮށްލުމާ އެކު އިއްޔެގެ ހުކުރު ނަމާދު އިމާމުވެ ކުރެއްވި އިރު އެ ޖަމާއަތުގައި ބައިވެރި ވުމަށް އެތައް ހާސް ބަޔަކު އެ މިސްކިތަށް ޖަމާވި އެވެ. ފޮނި ކާއެއްޗެއްސާ އެކު އަންހެނުން ވެސް ވަނީ މިސްކިތް ދޮށަށް ހާޒިރުވެ އުފާ ފާޅުކޮށް ހެޔޮ އެދުން ފޮނުވައިފަ އެވެ.
ހަތަރު އަހަރުގެ ބަންދަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އިންޑިއާގެ އިދާރާތަކަށް އެންގީ މީރުވާއިޒު ބަންދު ކޮށްފައިވަނީ ކީއްވެގެންކަން ސާފުކޮށް ދިނުމަށެވެ. މީރުވާއިޒް ވިދާޅުވި ގޮތުގައި އެއާ ވިދިގެން ފުލުހުން އެންގީ އޭނާ ދޫކޮށްލަން އިންޑިއާ ސަރުކާރުން ނިންމި ކަމުގަ އެވެ.
"އަހަރެން ބައްޕަ ނިޔާވުމުގެ ފަހުން ދިމާވި އެންމެ ހިތް ދަތި ކަމަކީ މި ދިގު މުއްދަތަށް ގޭގައި ބަންދުކޮށް އަހަރެން އަހަރެންގެ މުޖުތަމައުގެ މީސްތަކުންނާ ވަކި ކޮށްގެން ގެންގުޅުން،" މީރުވާއިޒު އަސަރާކު ވާހަކަ ދައްކަވަމުން ވިދާޅު ވިއެވެ.
ޖާމިއާ މިސްކިތަކީ އިންޑިއާގެ އަތް ދަށުން ކަޝްމީރު ވަކިވެގަތުމަށް ހިންގޭ ސިޔާސީ ހަރަކާތުގެ ނާރެހެއް ކަމުގައި ބެލެވޭ މަރުކަޒެވެ.
ޖަމާއަތުގައި ވާހަކަ ދައްކަވަމުން މީރުވާއިޒު ވިދާޅުވީ މައި ސަރކާރުގެ ސީދާ ބެލުމުގެ ދަށަށް އިންޑިއާ ހައްދު ފަހަނަޅާފައިވާ ހިންދޫންގެ ނޭޝަނަލިސްޓް ޕާޓިން ގެންދިއުމަކީ ބަލައިގަނެވޭން ކަމެއް ނޫން ކަމުގަ އެވެ. ޔުކުރޭނުގައި މި ވަގުތު ހަނގުރާމަ ކުރުން ރަނގަޅު ނޫން ކަމުގައި މޯދީ ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރަތް ކުރައްވައި މީރުވާއިޒް މިދާޅުވީ މޯދީ އެ ވިދާޅުވީ ރަނގަޅު ވާހަކަ ފުޅެއްކަމުގަ އެވެ. ދެބަސްވުމާ ޚިޔާލު ތަފާތު ވުމަކީ ހަނގުރާމަ އާއި ބިރު ދެއްކުމާއި އަނިޔާގެ ބަދަލުގައި ވާހަކަ ދައްކައިގެން ހައްލު ކުރަން ޖެހޭ ކަމެއް ކަމުގައި ވިދާޅުވަމުން މީރުވާއިޒު ގޮވައިލެއްވީ ހައްޔަރު ކޮށްފައިވާ އެތައް ސަތޭކަ ސިޔާސީ ކުށްވެރިން ދޫ ކޮށްލުމަށެވެ.