ދަޅުމަހަކީ ކެއްކުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ބާވަތަކަށް ވީއިރު އެއީ އިންސާނުންގެ ބަނޑަށް ގެއްލުންހުރި މިންވަރަކަށް ދަޅުމަހުގައި ޒިންކު އެކުލެވޭކަމަށް 2018 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާފައިވެ އެވެ.

ޒިންކަކީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާތަކެތި ގިނަ ދުވަހު ނުބައި ނުވާގޮތަށް ބެހެއްޓުމަށްޓަކައި ދަޅުގެ އެތެރެ ކައިރި ފަށުގައި ބޭނުންކޮށްފައި ހުންނަ މައުދަނެކެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި ދަޅުގައި ހުންނަ ކާތަކެތީގެ ޒަރީއާއިން ޒިންކު ބަނޑަށް ވާސިލުވުމަށްފަހު، ކާތަކެތި ކެއުމުން އެތަކެތިން ލިބެންޖެހޭ ފައިދާތައް ލިބުމަށް ހުރަސްއަޅަ އެވެ.

މީގެ އިތުރުން މި މައުދަނުގެ ސަބަބުން ބަނޑުގެ ފަށަލަ ބަލިކޮށްލާ ވިހަ މާއްދާތައް ލޭގެތެރެއަށް ވާސިލް ވުމަށް މަގުފަހުވެ އެވެ.

މި ދިރާސާގެ މުޞައްނިފު ނިއުޔޯކްގެ ބިންގްހަމްޓަން ޔުނިވާސިޓީގެ ޕްރޮފެސަރު ގްރެޗެން މަހްލާ ބަޔާން ކުރެއްވި ގޮތުގައި ބަނޑުގެ ފަށަޅަ މިގޮތަށް ބަލި ވުމުގެ ސަބަބުން ލޭގެތެރެއަށް ވާސިލުވެގެން ނުވާނެ ތަކެތި ވާސިލުވުމަށް މަގުފަހިވެ އެވެ.

ގޮހުރު ބަލިކަށިވުމުގެ ސަބަބުން ލޭގެ ތެރެއަށް ވާސިލުވާ ތަކެއްޗާ ދެކޮޅަށް އިންސާނާގެ ދިފާއީ ނިޒާމު މަސައްކަތް ކުރަން ފަށަ އެވެ. މި ބައްޔަށް ސައިންސް ވެރިން ދީފައިވާ ނަމަކީ "ލީކީ ގަޓް ސިންޑްރޯމް" މިއީ ސިއްޙީ ގޮތުން ދެނެގަންނަން ފަސޭހަ ބައްޔެއް ނޫންކަމަށް ސައިންސްވެރިން ހާމަކުރެ އެވެ.

މީ ބަލީގެ ސަބަބުން މައިބަދައާއި ނާރުގެ ނިޒާމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ.

މާގިނައިން ޒިންކް ހަށިގަނޑުގެ ތެރެއަށް ވާސިލުވެއްޖެ ނަމަ ފިޓްޖެހުން، ހުން އައުން، ހޮޑުލުން އަދި އަނބުރައިގަތުން ފަދަ ކަންތައްތަކާ ވެސް ކުރިމަތި ލާންޖެހެ އެވެ.