ކުޑަ އުޅަނދެއްގައި ޕެސިފިކް ކަނޑު ހުރަސްކުރި އެންމެ ހަގު މީހާއަށް ވުމަށް ދަތުރު ފެށި އޮސްޓްރޭލިއަށް ނިސްބަތްވާ މީހަކު ދަތުރުގެ މެދު ތެރެއިން ކަނޑުވެ ސަލާމަތްކޮށްފި އެވެ.

އުމުރުން 24 އަހަރު ޓޮމް ރޮބިންސަން 8000 މޭލުގެ އެ ދަތުރު ފެށީ އޭނާގެ އަމިއްލަ އުޅަނދެއްގައި މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ޕެސިފިކް ކަނޑު ހުރަސްކޮށް އޮސްޓްރޭލިއާއަށް ދެވޭނެ ކަމަށް ލަފާކުރެވުނީ އަންނަ ޑިސެމްބަރު މަހު އެވެ.

އެހެން ނަމަވެސް ދަތުރުގެ މެދުތެރެއިން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދަތުރު ކުރަމުންދިޔަ އުޅަނދަށް ބޮޑު ރާޅެއް އަރައި ބަންޑުން ޖަހާލި ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ޑިސްޓްރެސް އެލާމް އެކްޓިވޭޓްކުރި ކަމަށް ޓޮމްގެ ވެބްސައިޓްގައިވެ އެވެ.

އެ ޑިސްޓްރެސް ކޯލް އެންމެ ފުރަތަމަ ލިބުނީ އެ ހިސާބުން ދަތުރުކުރި މަތިންދާ ބޯޓަކަށެވެ. މަތިންދާ ބޯޓުގެ އެލާޓަށް ޓޮމް ސަލާމަތްކުރަން އައީ އެހިސާބުގައި އޮތް ކްރޫޒް ލައިނާ އެކެވެ.

ކްރޫޒްއަށް ޓޮމް އޮތް ސަރަހައްދަށް ދެވުނު އިރު އޭނާ އޮތީ ބަންޑުން ޖެހިފައިވާ އުޅަނދުގެ މަތީގައި ކަމަށާއި އޭރު އޭނާގެ ގައިގައި އެއްވެސް ހެދުމެއް ނެތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޓޮމް ބޯޓަށް ނެގުމަށްފަހު އަވަސް ފަރުވާ ދެވިފައިވާ ކަމަށާއި މިހާރު އޭނާގެ ސިއްހަތު ރަނގަޅު ކަމަށް ވެސް ހަބަރުތައް ބުނެފައިވެ އެވެ.

ޓޮމް ވަނީ އޭނާގެ ބަޔާނުގައި އޭނާ ސަލާމަތް ކުރުމަށް އެހީވެދިން އޮސްޓްރޭލިއާގެ އިދާރާތަކަށާއި "ޕެސިފިކް އެކްސްޕްލޯރާ" ކްރޫޒްގެ ކެޕްޓަނާއި ފަޅުވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.