މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ގެނެސްދޭ "ދަ ކަޕިލް ޝަރްމާ ޝޯ" އަކީ އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ އަދި ބޮލީވުޑްގެ ގިނަ ތަރިންގެ މެދުގައި ވެސް މަގުބޫލު ޝޯއެކެވެ. ފިލްމުތައް ޕްރޮމޯޓްކުރުމަށް އެއަށް ވުރެވަކި މަގުބޫލު ޕްލެޓްފޯމެއް ނޯންނާނެ އެވެ.

އެންމެ ފުރަތަމަ މި ޕްރޮގްރާމް ދައްކަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.

މި ޕްރޮގްރާމުން ފެނިގެންދާ ހުށައެޅުންތެރިން މި ފާއިތުވެދިޔަ އަހަރުތަކުގައި ބަދަލުވި ނަމަވެސް ކަޕިލް ޝަރްމާ، ކީކޫ ޝާރްދާ، ކްރިޝްނާ އަބީޝޭކް އަދި ސުމޯނާ ޗަކްރަވަތީ އަކީ ފެށުނީއްސުރެ އެ ޕްރޮގްރާމްގެ ބައިވެރިންނެވެ.

ކޮވިޑް-19ގެ ލޮކްޑައުންއާއެކު ގިނަ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރިއިރު ހަބަރުތައް ބުނާގޮތުން ކަޕިލް ޝަރްމާ ޝޯއަށް ވެސް މިވަނީ އޭގެ އަސަރުކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭގައި މި ޝޯ ދެއްކުން ހުއްޓާލަން ވަނީ ނިންމާފަ އެވެ. ސަބަބަކީ ލޮކްޑައުންއާ ގުޅިގެން ފިލްމުތަކުގެ ޕްރޮމޯޝަން އިވެންޓްތައް މަދުވުމާއެކު ޝޯއަށް ލައިވް އޯޑިއަންސް ވެސް ނުގެނެވޭތީ އެވެ.

މި ޕްރޮގްރާމްގެ ޕްރޮޑިއުސަރުން ވަނީ ހާލަތު ރަނގަޅުވުމުން އަލުން ފެށުމުގެ އުންމީދުގައި މިވަގުތަށް ޕްރޮގްރާމް ހުއްޓާލުމަށް ނިންމާފަ އެވެ.

މިއީ ގިނަބައެއްގެ މެދުގައި މަގުބޫލު ޕްރޮގްރާމަކަށް ވުމުން މި ޕްރޮގްރާމްގެ މަތިން ހަނދާންވާ ގިނަ ބަޔަކު ތިބޭނެކަން ގައިމެވެ.