އައިޝްވާރްޔާ ރާއީއާއި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަންގެ އާއިލާގެ ބައެއް މެމްބަރުންނާ ދެމެދު އޮތް ގުޅުން ރަނގަޅު ނޫން ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބިއްޖެ އެވެ.

އެގޮތުން އައިޝްވާރްޔާ ވަނީ އޭނާގެ ބަފައިބެ، އަމީތާބް ބައްޗަންގެ އުފަންދުވަހާ ގުޅުވައިގެން ކްރޮޕް ކޮށްފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ އަމީތާބުގެ އިތުރުން އައިޝްވާރްޔާގެ ދަރިފުޅު އާރަދްޔާ ބައްޗަން އެވެ.

އެހެން ނަމަވެސް އެ ފޮޓޯގެ އަސްލުގައި އެދެމީހުންގެ އިތުރުން އަބީޝޭކްގެ ދައްތަ، ޝްވެތާ ނަންދާގެ ދެ ދަރިން ކަމަށްވާ ނަވްޔާ ނަވޭލީއާއި އަގަސްތްޔާ ނަންދާގެ އިތުރުން އައިޝްވާރްޔާގެ މައިދައިތަ ޖާޔާ ބައްޗަން ވެސް ފެނެ އެވެ.

އަމީތާބްގެ އުފަންދުވަހުގެ މުނާސަބަތުގައި މިދިޔަ ބުދަ ދުވަހު ނަގާފައިވާ އެ ފޮޓޯގެ އަސްލު ނަވްޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.

މިއާއެކު އައިޝްވާރްޔާއާއި އޭނާގެ ފަހަރިއާ ދެމެދު ގުޅުންތައް ރަނގަޅު ނޫން ކަމަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަމީތާބްގެ އުފަންދުވަހުގެ މުނާސަބަތުގައި އޭނާގެ އާއިލާގެ އިތުރުން ފިލްމީ ދާއިރާގެ ފަންނާނުން ވެސް ވަނީ އޭނާއަށް ތަހުނިޔާ ކިޔާފަ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާން، އަޖޭ ދޭވްގަން އަދި އަނިލް ކަޕޫރު ހިމެނެ އެވެ.

އޮކްޓޯބަރު މަހު 11 ވަނަ ދުވަހު އަމީތާބަށް 81 އަހަރު ފުރުނުއިރު އޭނާ ބޮލީވުޑްގައި މަސައްކަތް ކުރާތާ 50 އަށްވުރެ ގިނަ އަހަރު ވެއްޖެ އެވެ.