ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން ނަގާ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ކުޑަކޮށްފި އެވެ.

މީގެ ކުރިން އޮތްގޮތުން ނަމަ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ނަމަ އިންޓްރެސްޓުގެ ގޮތުގައި ނުވަ ޕަސެންޓް ނަގަ އެވެ. މި ބަދަލާއެކު އެޕާޓްމަންޓަކުން މިލިއަނެއްހާ ރުފިޔާ ކުޑަވާނެ އެވެ.

ހުޅުމާލެ ބަލަހައްޓާ އާބަންކޯ އިން ބުނި ގޮތުގައި ވިނަރެސް ފްލެޓްތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އަތުން ނަގާ އިންޓްރެސްޓް ރޭޓް ހަ ޕަސެންޓަށް މިއަދުން ފެށިގެން ކުޑަކޮށްފައި ކަމަށެވެ. އިންޓްރެސްޓް ރޭޓް ކުޑަ ކުރީ ދިގު މުއްދަތައް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހަދައިދިނުމަށް ކަމަށް ވެސް އާބަންކޯ އިން ބުނެ އެވެ.

މި ބަދަލު ގެނައިީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް އިންތިހަބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި ވިދާޅުވެފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ 15 ޕަސެންޓު ދެއްކުމުން އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އާބަންކޯ އިން ވަނީ މީގެކުރިން ބުނެފަ އެވެ. ވިނަރެސް ފްލެޓު ލިބުނު 288 މީހަކާ އެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.