ވެރިކަމުގެ ހުވާ ކުރައްވާތާ 100 ދުވަސް ތެރޭގައި ހުޅުމާލޭގެ އެންމެހާ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ހުޅުމާލެ މުނިސިޕަލްގެ ހިދުމަތްތައް މިހާރު ދެނީ އާބަންކޯ އިން ކަމަށާއި އެކަން ބަދަލު ކުރައްވާނެ ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ ކޮޅު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ އެއް ކަމެއްގެ ގޮތުގައި ހުޅުމާލެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލު ކުރާނަން،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ހިދުމަތްތަކުގެ ތެރޭގައި މަގުތައް ސާފު ކުރުމާއި ފަޅުތެރެ ސާފު ކުރުމާއި މަގުމަތި ދިއްލުން ފަދަ ކަންކަމެވެ. އަދި އިދާރީ ގޮތުން ދޭން ޖެހޭ ހިދުމަތްތައް ވެސް އޭރުން ދޭނީ ކައުންސިލުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، މިހާރު ނުދީ ހުރި ހުރިހާ ބާރެއް ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭރުން ރައްޔިތުން އެދޭ ގޮތަށް، މާލޭގެ ބައެއް ހުޅުމާލެއަކީ، ދެ ފިޔަވައްސަކީ ވެސް. އެހެންވީމަ އެގޮތަށް ބަދަލުވެގެން ދާނެ. ރައްޔިތުންނަށް ފަސޭހަތައް އޭގެން ވެގެން ދާނެ،" އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް ހަމަޖައްސާނެ ކަމުގެ ޔަގީން ކަން ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިން މައްސަލައެވެ. މާލެއެކޭ އެއްގޮތަށް ހުޅުމާލެ ވެސް މިހާރު ފެންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ، ޕާކިން މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ވަރުގެ އިމާރާތްތަކެއް ދެ ތިން ސަރަހައްދެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކީ ވެސް ވަރަށް އިސްކަމެއް ދީގެން ފުރަތަމަ ކޮޅު ފެށޭ ކަމެއްގެ ގޮތުގައި ހަދައި، ހުޅުމާލޭގެ މަގުމައްޗަކީ ތަރުތީބު ކުރެވިފައިވާ ޕާކިން އާ ހެދި އުނދަގޫވެފައި އޮތް އޮތުން ނިމުމަކަށް އަންނަ ތަނަކަށް ހައްދާވެނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.