އިންތިގާލީ މަރުހަލާގެ ތެރޭގައި ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް އަންގައިފި އެވެ.

އޭސީސީން އާބަންކޯ އަށް މިހެން އަނގާފައިވަނީ ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ. އޭސީސީން އާބަންކޯއަށް އަންގާފައިވަނީ ފަރުކޮޅުފުށި ކުއްޔައް ދިނުމާއި ގުޅޭގޮތުން އޭސީސީއަށް ހުށައެޅިފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާތީ އެ ކަމާ ގުޅޭ މުއާމަލާތްތައް މަޑުޖައްސާލުމަށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަދަލުވަމުންދާ މި މަރުހަލާ ހިނގަމުންދާ ދަނޑިވަޅުގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ވުމާއެކު، މި މަރުޙަލާގައި މިފަދަ މުއާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިގާލީ މަރުޙަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ މިފަދަ ކަންކަން ހުއްޓުވައި ރައްޔިތުންގެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ގާނޫނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ދިވެހިންނަށް އަރުވާ ކަމަށެވެ.

އާބަންކޯ އިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލެ އިން 60 ބިމެއް ވިއްކަން ނިންމައިފަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިން ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެ ކުންފުނިން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3،500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.