ސްޓްރޯކްއަކީ ދިވެހިންގެ ތެރޭގައި ވެސް މިހާރު އާއްމުވަމުން އަންނަ ކަމެކެވެ. އަވަހަށް ފަރުވާ ނުދެވިއްޖެނަމަ ދިރިއުޅުމަށް ދިގު މުއްދަތުގެ އަސަރު ކުރާނެ ކަމެކެވެ. އެހެން ކަމުން ވީހާވެސް ބޮޑަށް ސްޓްރޯކްއަށް މަގުފަހިވާ ކަންކަމުން ދުރުވެ އެދެވޭ ބަދަލުތަކެއް ދިރިއުޅުމަށް ގެންނަން ޖެހެ އެވެ.
ބަރުދަން ލުއިކުރުން
ފަލަ ބައްޔަކީ ސިއްހީ ގޮތުން ދިމާވާ ގިނަ ކަންކަމުގެ އަސްލެވެ. އެގޮތުން އެއީ ސްޓްރޯކް ޖެހުމަށް ވެސް މެދުވެރި ކުރުވާ މައިގަނޑު އެއް ސަބަބެވެ. އެހެން ކަމުން ސިއްހަތަށް ފައިދާހުރި ބަރުދަން ދެމެހެއްޓުމަށް އިސްކަންދޭން ޖެހޭނެ އެވެ.
ކަސްރަތު ކުރުން
ކަސްރަތު ކުރުމަކީ ބަރުދަން ލުއި ކުރުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ވެސް މުހިއްމު ކަމެކެވެ. ލޭގެ ޕްރެޝަރު މަތިވުމަކީ ސްޓްރޯކް ޖެހެން މެދުވެރިވާ ސަބަބެވެ. އެހެން ކަމުން ގަވާއިދުން ކަސްރަތު ކުރަން އާދަ ކުރާށެވެ.
މަސްތުވާތަކެއްޗާއި ރަލުން ދުރުވުން
އިސްލާމް ދީނުގައި ރާ ހަރާމް ކުރައްވާފައިވަނީ އެއިން ލިބޭ ގެއްލުންތައް ގިނަވީމަ އެވެ. ދިރާސާތަކުން އެނގޭ ގޮތުގައި ރާބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމަކީ ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަންކަމެވެ.