ޤިޔާމަތާ ހަމައަށް ވެސް ޔަހޫދީންނަށް އުޤޫބާތް ދެއްވާނެ ބަޔަކު ފޮނުއްވާނެ ކަމަށް މާތްﷲ ބަޔާންކުރައްވާފައިވާ ކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެ އެވެ.
ޑރ. ސައްތާރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ފަލަސްޠީނު ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފޯރަމްގައި ފަލަސްޠީނުގެ ތާރީހާއި ޔަހޫދީންގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ޢަބްދުﷲ އާމިރު ވަނީ ކިޔައިދެއްވައިފަ އެވެ.
އެގޮތުން އިސްރާއީލަކީ ޔައުޤޫބުގެފާނުގެ ލަޤަބެއް ކަމަށް ވިދާޅުވެ، ޔަހޫދީންނަށް މިނަން ކިޔުނު ގޮތާއި ޔަހޫދީންނަކީ ކޮބައިކަން ޑރ. ސައްތާރު ވަނީ ތަފްސީލީ ގޮތެއްގައި ކިޔައިދެއްވައިފަ އެވެ. އަދި ބަނީ އިސްރާއީލަށް ދެއްވި ނިއުމަތްތަކާއި އެމީހުންގެ ފަސާދަކުރުމާއި، އެމީހުން ހަދާފައިވާ ދޮގުތަކާގުޅޭ ގޮތުން ޤުރުއާނާއި ސުންނަތުން ސާބިތުވާ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ސައްތާރު ވަނީ ކިޔައިދެއްވައިފަ އެވެ. ޑރ. ސައްތާރު ވިދާޅުވީ އަދިވެސް އެމީހުންގެ ނުބައިކަން މިދަނީ ފެންނަމުން ކަމަށާއި އެހެން ނަމަވެސް ޤިޔާމަތާހަމައަށް ދާންދެން ޔަހޫދީންނަށް އުޤޫބާތް ދެއްވާނެ ބަޔަކު ފޮނުއްވާނެ ކަމަށް މާތްﷲ ބަޔާންކުރައްވާފައިވާ ކަމަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން އައްޝައިޚް އަބްދުﷲ އާމިރު ވިދާޅުވީ ފަލަސްޠީނުގައިވާ މުޤައްދަސް ތަންތަނުގެ ހުރުމަތް ކަނޑާ އެތަނުގައިވާ މުސްލިމުންގެ ލޭ އޮހޮރުވަމުންދާ މިފަދަ ދަނޑިވަޅެއްގައި މި ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އައްޝައިޚް އާމިރު ވަނީ މި ފޯރަމްގައި ފަލަސްޠީނުގެ ތާރީޚަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވައިފަ އެވެ.
ފަލަސްޠީނަކީ ވަރަށް ގަދީމީ ތާރީހެއްވާ ގައުމެއްކަމާއި އެތައް ސަތޭކަ ފޮތެއްގައި އެ ގައުމުގެ ތާރީހް ލިޔެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ފަލަސްތީނުގައި އެންމެ ފުރަތަމަ ވަޒަންވެރިވެފައި ވަނީ ޢަރަބި ޖަޒީރާއިން އައި ޤަބީލާތަކަކުން ކަމަށާއި ފަލަސްޠީނުގެ ބިން މަޝްހޫރުވެފައިވާ ވަނީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2600 އަހަރު ކުރިންކަމަށް ވިދާޅުވި އެވެ. އަދި އެ ބިން މަޝްހޫރުވެފައިވާ ވަނީ ކަންޢާނީންގެ ބިމުގެ ގޮތުގައި ކަމަށާއި އޭރު ޔަހޫދީން އެތަނަށް ދާން ނުވެސް ފަށާކަމަށް ޝައިޚް އާމިރު ވިދާޅުވި އެވެ. ބަނީ އިސްރާއީލަށް ފަލަސްތީނުގައި ވެރިކަމެއް ގާއިމްކުރެވިގެން ދިޔައީ ދާއޫދުގެފާނުގެ ވެރިކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން މިހާރުގެ ޔަހޫދީންނަށް ފަލަސްޠީނަކީ ތިމަންމެންގެ ބިމެކޭ ބުނެވޭނެ ޖާގައެއް ނެތްކަން ސާބިތުކޮށްދެއްވަމުން، އެމީހުންގެ ދައުވާތަކަށް ބައްލަވައި ޝައިޚް ވިދާޅުވީ އެމީހުންގެ ދީނީ ޙައްޤެއް ވާކަމަށް އެމީހުން އެ ބުނާ ބުނުމަކީ ދެކޮޅު ނުޖެހޭ ބުނުމެއް ކަމަށެވެ. ސަބަބަކީ މާތްﷲ ފޮނުއްވާފައިވާ ނަބީބޭކަލުންނަށް އެންމެ ހައްޤުކަން ބޮޑުވާނީ އެ ބޭކަލުންނަށް ތަބަޢަވާ މީހުން ކަމަށްވާއިރު އެ ރަސޫލުންނާއި ނަބިއްޔުންނަށް ފުރައްސާރަކޮށް، ގަތުލުކޮށް، އެ ރަސޫލުންނާއި ނަބިއްޔުންނަށް އީމާން ނުވާ ބަޔަކު ދައްކާ ވާހަކައަކަށް ވުމުންކަމަށް ވިދާޅުވި އެވެ.
ކަންޢާނީން ފަލަސްތީނުގައި އުޅެން ފެށުމާއި އުމަރުގެފާނާއި ހަމައަށް އެ ދެމެދުގައި ހިނގި ކަންތައްތަކަށް ބައްލަވަމުން، އެ ޤައުމުގައި ވެރިކަން ކުރެއްވި ގޮތް ޝައިޚް އާމިރު މި ފޯރަމްގައި ތާރީޚަށް ބައްލަވަމުން ތަފްސީލު ކޮށްދެއްވި އެވެ.
އަދި މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ހިނގި ކޮންމެ ހަނގުރާމައެއްގައިި ވެސް އިސްލާމްދީނުގެ ރިވެތި އަދަބު އަޚްލާގު މުސްލިމުން އަބަދުވެސް ދައްކާކަމަށް ވިދާޅުވި އެވެ.
ޒަޔަނިސްޓުންނަކީ އިސްތިއުމާރީ ބާރެއްކަމާއި ޔަހޫދީން ފަލަސްޠީނު ބިމަށް އަންނަން ފެށީ ސަޙްޔޫނީ ހަރަކާތް 1897 ގައި ފެށުނު ފަހުންކަމަށް ވިދާޅުވި އެވެ. އިސްރާއީލު އިޢުލާންކުރެވިގެން ދިޔައީ 1948 ގައި ކަމަށް ވެސް ޝައިޚް ވިދާޅުވި އެވެ. މި މުޤައްދަސް ބިމުގެ ދިފާޢުގައި މުސްލިމުން ވީ ގުރުބާނީއަށް ވެސް ޝައިޚް ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވައިފަ އެވެ.
މުސްލިމު ކޮމާންޑަރުންގެ ސިކުނޑިތަކުން ފަލަސްތީނު ނުދިޔަ ނަމަވެސް، މިއަދު މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށް ޝައިޚް ވިދާޅުވި އެވެ. ހަމައެކަނި ފަލަސްތީނުގެ ރައްޔިތުން، އެ ބިން މިނިވަންކުރުމަށް މަސައްކަތް ކުރަމުންދާތަން ފެނުމުން އިސްލާމީ އުންމަތް ބައިބައިވެފައިވާވަރު ފެނިގެންދާ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ވެވެން އޮތްގޮތަކުން ފަލަސްޠީނަށް އެހީތެރިވުމަށް ވިދާޅުވަމުން ޝައިޚް ވަނީ މުދަލުން ވެވެން އޮތް އެހީއެއް އަޅުގަނޑުމެން ވާންޖެހޭނެކަމަށް ވިދާޅުވެފަ އެވެ. އަދި ކުޑަކުދިންނަށާއި ސްކޫލު ތަކުގައި ވެސް ފަލަސްޠީނަކީ ކޮބައިކަން ކިޔައިދީ އަންގަންޖެހޭ ކަމަށާއި މިއީ ތަޢުލީމީ މަންހަޖުގައި ވެސް އެކުލެވިގެން ބުނެދެވެން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ.
މި ފޯރަމް ނިންމާލާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްރުދެއްވުމަށް އެދި ކުރި ދުޢާއަކުންނެވެ.