ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔަ ނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބަންޑާރައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދާނެގޮތެއް ހޯދުމަށް އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަމުންނެވެ.
ސުޕްރީމް ކޯޓަށް އެމްޑީޕީން މި މައްސަލަ ވައްދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސްއަށް އޮތުމަށް މަޖިލީހުން ގަވައިދު މާނަކުރާތީ އެނޫން ގޮތަކަށް އެކަން މާނަކުރުމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމުން އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ފާތުމަތު ހަލީމް ވިދާޅުވީ ހުށަހެޅިފައި މިއޮތް މައްސަލައާ ގުޅިގެން އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެއީ މަޖިލިސްގެ ޖަލްސާ ހުއްޓުމަކަށް އަންނަން ޖެހޭވަރުގެ މައްސަލައެއް ކަމަށް މި މައްސަލަ ނުދެކޭތީ ކަމަށް ވަކީލް ވިދާޅުވި އެވެ.
ނަމަވެސް އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް، ރިޔާސަތު ބަލަހައްޓާ ފަސް މެމްބަރުންގެ ތެރެއިން މެމްބަރަކު އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންގެ ބައްލަވާ އެ މައްސަލައިގެ އަޑުއެހުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން މި މައްސަލައަށް ވަކާލާތު ކުރަމުން ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަޖިލީހުގެ ރައީސްއާއި، މަޖުލީހުގެ ނާއިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެކަމަށް އޮތް ނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ ޒިންމާ އެ މެންބަރުންނަށް އަދާކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތިން ފަރާތަކުން ތަދައްޚުލުވެފައިވެ އެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ.