އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ޑރ. މުއިއްޒު އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަގާމުގެ ގާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި އޮންނާނެ ކަމަށެވެ.
ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އިންތިހާބީ ރައީސް މުއިއްޒެ ކެބިނެޓްގައި 22 މިނިސްޓަރު ތިއްބަވަ އެވެ. އަދި ރައީސް އޮފީހަށް ނުވަ މިނިސްޓަރަކު އައްޔަން ކުރައްވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ވެގެން ދިޔަ ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ކުރީން ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅިވެފައިވާ ގޮތުގައި އެ މަނިކުފާނުގެ ސަރުކާރާއި ކެބިނެޓް އެކުލަވައިލައްވަނީ ގޭގައި އަރާމުކޮށް ނިދާފައި ތިބެން ނޫން ކަމަށާއި ސަރުކާރު އެކުލަވައިލައްވާނީ ރެއާ ދުވާލު ބުރަ މަސައްކަތް ކުރަން ކަމަށެވެ.
އަދި ވިދާޅުވެފައި ވަނީ އެމަނިކުފާނާމެދު ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން އޮންނާނެ ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުގެ ޓީމް، 22 މިނިސްޓަރުންނާއި ކުންފނިތަކުގެ ވެރިންގެ މައްޗަށް އެކުލަވައިލައްވަނީ ސިދާ ނަތީޖާ ނެރެން ކަމަށެވެ.
އިންތިހާބީ ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވައި ކުރައްވާ ރަސްމިއްޔާތު މިއަދު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެ އެވެ.