މޮސްކޯ 31 ޖެނުއަރީ) - ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވާލްނީ ފަރުވާ ހޯދުމަށް ގައުމުން ބޭރުގައި ދުވަސްތަކެއް ވަންދެން އުޅުމަށްފަހު އެނބުރި ގައުމަށް އައުމުން ހައްޔަރުކުރުމާއެކު އޭނާގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތައް އަދިވެސް ކުރިއަށް އެބަގެންދެ އެވެ.

މުޒާހަރާތަކަށް ހަފްތާއަކަށް ވުރެ ގިނަދުވަސްވެފައިވާ އިރު މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ރަޝިއާގެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އިހުތިރާމްކޮށް އެއްވުންތައް ނުބޭއްވުމަށް އަންގާފަ އެވެ. ނަމަވެސް ފުލުހުންގެ އިލްތިމާސްތަކަށް ބޯނުލަނބައި ނަވާލްނީގެ ސަޕޯޓަރުންވަނީ ގަދަ ފިނީގައި މަގުތަށް މައްޗަށް ނުކުމެފަ އެވެ.

އިދިކޮޅު ލީޑަރު އެލެކްސޭ ނަވާލްނީ މަރާލުމަށް ބަޔަކު ވަނީ ނާވް އޭޖެންޓެއް ބޭނުންކޮށްފަ އެވެ.

ނަވާލްނީ ތުހުމަތު ކުރާ ގޮތުގައި އޭނާ މަރާލުމަށް ޒަހަރު ދިނީ ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިން އަންގަވައިގެން ރަޝިޔާގެ ސިއްރު ފުލުހުންނެވެ.

ނަވާލްނީ ވިދާޅުވިގޮތުގައި ރަޝިއާގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި ހިލާފަށެވެ. އެހެން ނަމަވެސް ފުހުލުން ހާމަކުރާ ގޮތުގައި ނަވާލްނީ ވަނީ ބަންދުގެ ސަރުތަކަކާއި ހިލާފްވެފަ އެވެ.

މޮސްކޯގެ މީޑިއާތަކުން ބުނިގޮތުގައި ފުލުހުންގެ އިންޒާރުތަކާ އެކުވެސް މުޒާހަރާގެ ބައިވެރިންވަނީ މަގުމައްޗަށް ނުކުމެފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ނަވާލްނީ ހައްޔަރުކޮށްފައިވާ މަޓްރޮސްކަޔަ ޓިޝިނާ ޖަލަށް ވެސް ގަދަކަމުން ވަންނަން މަސައްކަތްކޮށްފަ އެވެ.

މުޒާހަރާގައި ބައިވެރިވި މީހުން ބުނީ ރަޝިއާއަކީ މިހާރު އެއްވެސް ވަރަކަށް ގާނޫނާއި ގަވާއިދު ހިނގާތަނެއް ނޫން ކަމަށެވެ. ފުލުހުންނާއި، ކޯޓްތަކުގެ އިތުރަށް ހުރިހާ އިދާރާތަށް ވަނީ ކޮރަޕްޓްވެފަ އެވެ. މުޒާހަރާ ކުރުމަށް ނިކުތީ ކޮރަޕްޝަނުން ރަޝިއާ ސަލާމަތްކުރުމަށް ކަމަށް ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ނަވާލްނީ ދޫކޮށްލުމަށާއި، ޕުޓިން އަކީ ވަގެއް ކަމަށް ގޮވައި ހަދާފައިކަމަށް މީޑިއާތަކުން ބުންޏެވެ. ރަޝިއާގެ 85 ސިޓީއެއްގައި މުޒާހަރާކޮށްފައިވާ ކަމަށް މައުލޫމަތު ލިބެ އެވެ.