ބަރުދަން ލުއި ކުރުމަށްޓަކައި އެންމެ ގިނަ މީހުން ގެންގުޅޭ އެއް އުކުޅަކީ ނުކައި ބަނޑަށް ހުރުމެވެ. ހަށިގަނޑަށް ކާނާ އެތެރެ ނުވުމުން އަވަހަށް ބަރުދަން ލުއިވާނެ ކަމުގެ އުއްމީދުގަ އެވެ. އެހެން ނަމަވެސް މިއީ ކުރެވޭ ވަރަށް ބޮޑު ކުށްހީ އެކެވެ.
ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުން ބަރުދަން ލުއިވުމަށް ހުރަސް އެޅުމުގެ އިތުރުން ސިއްހަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.
ހެނދުނުގެ ނާސްތާ ނުކައި ދޫކޮށް ނުލާށެވެ. ހެނދުނު ހުސްބަނޑާ ހުންނަ ނަމަ ދުވަހުގެ އެހެން ވަގުތުތަކުގައި ބޮޑަށް ވަރުބަލިކަން އިހުސާސްވެ ބަނޑުހައިވާނެ އެވެ. އެހެންވީމާ ހެނދުނު ނާސްތާގައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުން ރަނގަޅުވާނެ އެވެ.
ގަޑިން ގަޑިޔަށް ކެއުމަކީ ހަށިގަނޑުން ކެލޮރީސް އަދި ފެޓްސް ވިރިގެންދާ މިންވަރު އަވަސްވެގެން ދާނެ ކަމެކެވެ. އަދި ހަމަ އޭގެ އިތުރުން ސިއްހަތަށް ގެއްލުންހުރި ބޭކާރު ކާނާ ކެއުމުން ދުރުކޮށްދޭނެ ކަމެކެވެ.
މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގައި ކެލޮރީސް އަދި ފެޓްސްގެ ބައި މަދު ކާނާއަކަށް ވުމުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ އެވެ. އަދި ހަމަ އެޔާއެކު މޭވާ އާއި ތަރުކާރީގައި ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ފައިބާ ހިމެނުމުގެ ސަބަބުން ހަށިގަނޑުގެ ވަރު ދެރަވުން ކުޑަކޮށްދޭނެ އެވެ.
ކަސްރަތަކީ ބަރުދަން ލުއިކުރުމަށް އެންމެ ބޮޑަށް އެހީވެދޭ އެއްކަމެވެ. ހަމައެކަނި ޑައިޓު ކޮށްގެން ބަރުދަން ލުއި ކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުން ކެއުމުގެ އާދަތައް ރަނގަޅު ކުރުމާއެކު ކަސްރަތު ވެސް ކުރަން ޖެހޭނެ އެވެ.