ޔަންގޫން (ފެބްރުއަރީ1) - މިޔަންމާގެ އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީ އާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އިސްވެރިންތައް ސިފައިން މިއަދު ހައްޔަރުކޮށްފި އެވެ.
ވެރިކަންކުރާ އެންއެލްޑީގެ ތަރުޖަމާނު ވިދާޅުވީ ސިފައިން ނުކުމެ، ޕާޓީގެ ލީޑަރުން ހައްޔަރުކުރީ މިއަދު ހެނދުނު ކަމަށެވެ. އަދި ސިފައިން ވަނީ ވެރިކަން އަތުލައި، އެއް އަހަރު ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ސިފައިން ވަނީ ވެރިރަށް ޔަންގޫންގެ މަގުމައްޗަށް ނުކުމެފަ އެވެ.
މިޔަންމާގެ އިސްވެރިންތައް ހައްޔަރުކުރީ އެ ގައުމުގެ ސަރުކާރުން އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ބާރުގަދަ ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމުގެ ބިރު އުފެދިފައި ވަނިކޮށެވެ.
ޕާޓީގެ ތަރުޖަމާނު މިއޯ ނިއުންތު ރޮއިޓާސްއަށް ވިދާޅުވީ އަންސަން ސޫކީ އާއި ރައީސް ވިން މިއިންތު އާއި އިތުރު ލީޑަރުންތަކެއް މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީއަކީ މިޔަންމާގެ ސްޓޭޓް ކައުންސިލަރު ނުވަތަ ބޮޑުވަޒީރުގެ ދައުރު އަދާކުރައްވާ ބޭފުޅާ އެވެ.
"އަޅުގަނޑު ބޭނުން ރައްޔިތުން ކައިރީގައި ބުނަން ހަރުކަށިކަމާއެކު ނުނިކުތުމަށް، އަދި ގާނޫނާ އެއްގޮތަށް އަމަލުކުރަން ގޮވާލަން،" ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތް ތަރުޖަމާނު ވިދާޅުވި އެވެ "މިއީ މިދަނޑިވަޅުގައި ކަންތައްތައް ހިނގަމުންދާ ގޮތް. އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި ސިފައިން އުޅެނީ ބަޣާވާތެއް ގެންނަން."
އެ ގައުމުގެ ގައުމީ ޓީވީގެ ހިދުމަތް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ހިދުމަތް މެދުކެނޑިފަ އެވެ. އަދި ވެރިރަށް ނައިޕިތޯއަށް ފޯނުން ނުގުޅޭ ކަމަށްވެ އެވެ. މީގެ އިތުރުން އިންތިހާބު ކާމިޔާބުކުރި އެންއެލްޑީން މިއަދު ހެނދުނު ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބެއް ބާއްވަން ދަނީ މަސައްކަތްކުރަމުންނެވެ.
އުމުރުން 75 އަހަރުގެ އަންގަންސަން ސޫކީގެ ޕާޓީން 2015 ވަނަ އަހަރު ވެރިކަމަށް އައީ އިންތިހާބު ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އޭގެ ކުރިން އެތައް އަހަރެއް ވަންދެން އޭނާ ހުރީ ގޭގައި ބަންދުކޮށްފަ އެވެ.
މިޔަންމާގެ އިންތިހާބުގައި މަކަރު ހެދި ކަމަށް ސިފައިން ތުހުމަތުކުރި ނަމަވެސް އިލެކްޝަންސްގެ އޮފިޝަލުން އެކަން ދޮގުކުރެ އެވެ. އެ ގައުމުގެ ގާނޫނުން ސިފައިންނަށް ގާނޫނު ހަދާ މަޖިލީހުގެ 25 ޕަސެންޓް ގޮނޑި ދޭން ޖެހެ އެވެ. އަދި މުހިންމު ތިން މިނިސްޓްރީއެއް ވެސް މިލިޓަރީއަށް ދޭން ޖެހެ އެވެ.