އާ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން މަޝްވަރާ ކުރަން ފަށައިފި އެވެ.

"ހުރިހާ"އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު މިރޭ ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޝްވަރާ ކުރަނީ އެބޭފުޅުންނާ ގުޅޭ ބައެއް މައްސަލަތަކެއް ފާހަގަވެފައި ހުރުމުން ކަމަށެވެ.

ރުހުން ނުދޭން މަޝްވަރާ ކުރާ ވަޒީރުންގެ ތެރޭގައި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އައްޔަނު ކުރެއްވި އަލީ އިހްސާނާއި، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް އައްޔަނު ކުރެއްވި މުހައްމަދު ސައީދާއި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އަދި މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ޑރ. އަލީ ހައިދަރު އަޙްމަދު ހިމެނިވަޑައިގަންނަވަ އެވެ.

"ހުރިހާ"އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގާނޫނީ ގޮތުން ނިންމާފައިވާ ނިންމުންތަކަށް ޗެލެންޖްކޮށް، އެ ނިންމުންތައް ބަދަލުކުރަން ބައެއް ވަޒީރުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ދެކޮޅަށް ހަނގުރާމައަށް ތެދުވާނަމަ އަޅުގަނޑުމެން ވެސް މަޑަކުން ނުތިބޭނަން،" އެ މެމްބަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންނަށް ރުހުން ހޯދުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ.