ލޭގެ ގްރޫޕަކީ ދުޅެހެޔޮ ސިއްހަތެއްގައި ހަށިގަނޑު ބަހައްޓައިދޭން ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ބައެއް ލޭގެ ގްރޫޕްތައް ހުންނަ މީހުން ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑު އިރު ބައެއް ލޭގެ ގްރޫޕްތައް ހުންނަ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަވެ އެވެ. އެހެން ކަމުން ކެއިން ބުއިމުގައި ލޭގެ ގްރޫޕްގެ ސަބަބުން ގެންގުޅެން ޖެހޭ ތަފާތު ތަކެއް ހުރެ އެވެ. މިއަށް ކިޔަނީ "ބްލަޑް ގްރޫޕް ޑައިޓް" އެވެ.
"ބްލަޑް ޓައިޕް ޑައެޓް" އަކީ ކޮބާ؟
"ބްލަޑް ޓައިޕް ޑައެޓް" އަކީ އެމީހެއްގެ ލޭގެ ގްރޫޕާ ގުޅޭ ކަހަލަ ކާނާ ކައިގެން އެ އެއްޗެހި ރަނގަޅަށް ހަޖަމު ކުރެވޭނެ ގޮތްވެ ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު މަތިވެ ބަލިތަކުން ސަލާމަތް ވުމަށް ވަރަށް ރަނގަޅު ގޮތެކެވެ. އަދި މިއީ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. ތަފާތު ވައްތަރުގެ ކާނާ ކެއުމުން ހަށިގަނޑަށް ބޭނުންވާ ތަފާތު ފައިދާ ހުރި މާއްދާތައް ލިބޭނެ އެވެ.
ތަފާތު މާއްދާތައް ހަށިގަނޑަށް ވަނުމުން އެއަށް ކަންތައް ކުރާނެ ގޮތް ނިންމަނީ ލޭގެ ގްރޫޕެވެ. އާއިލީގޮތުން ވާރުތަވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ހަކުރުބަލި، ކިޑްނީ މައްސަލަ، ކޮލެސްޓްރޯލް، ލޭ މައްޗަށް ދިއުން ފަދަ މައްސަލަތައް ކޮންޓްރޯލް ކުރުމަށް ވެސް ބްލަޑް ގްރޫޕް ޑައެޓުން އެހީތެރިވެ އެވެ.
އެންމެ ރަނގަޅު ކެއުމަކީ ކޮބާ؟
ބްލަޑް ގްރޫޕް: އޭ
އޭ ގްރޫޕްގެ ލޭ ހުންނަ މީހުން ބަތް، އޯޓްސް، ޕާސްތާ، ފަދަ ގޮވާމުގެ ބާވަތްތައް ކެއުން އެދެވިގެންވެ އެވެ. މިފަދަ މީހުންނަށް އެންމެ ރަނގަޅުވާނީ ވެޖިޓޭރިއަން ޑައިޓްއާ ގާތްކުރާ ޑައެޓެކެވެ. އޭ ގްރޫޕްގެ ލޭ ހުންނަ ނަމަ އެނިމަލް ޕްރޮޓީންއާ ދުރުވާން ޖެހެ އެވެ. އޭގެ ތެރޭގައި ބްރައުން ރައިސް، ވީޓް ޕާސްޓާ، ބްރައުން ޕޯހާ، ސޯޔާ، ބޮޑު ސަނާމުގު ފަދަ އެއްޗެހި ހިމެނެ އެވެ<
ބްލަޑް ގްރޫޕް: ބީ
ފެހިކުލައިގެ ތަރުކާރީ، ބިސް، ލޯ ފެޓް ޑައިރީ، އޯޓްސް އަދި ކިރުގެ އުފެއްދުންތަކާއި އެނިމަލް ޕްރޮޓީން ހިމެނޭ ބާވަތްތަކަކީ ބީ ގްރޫޕް ލޭ ހުންނަ މީހުން ކެއުމުގައި ހިމަނަން ޖެހޭ ބާވަތް ތަކެކެވެ. އެއާއެކު ބިސް، ކަނޑުމަސް، އޯޓްމީލް އަދި ޕަނީރު އަކީ މިފަދަ މީހުން ކެއުމުގައި މަދު ކުރަން ޖެހޭނެ ބާވަތްތަކެވެ.
ބްލަޑް ގްރޫޕް: އޭބީ
ކޮމްބިނޭޝަން ކާނާ އަކީ މި ގްރޫޕްގެ މީހުންނަށް ރަނގަޅު ހޮވުމެކެވެ. އެއީ ބަތާއި މުގުރިހަ، ރޮއްޓާއި މުގުރިހަ، ބްރައުން ރައިސް އާއި ތަރުކާރީ ހިކި ރިހަ ފަދަ އެއްޗިއްސެވެ. ކެފެއިން، ހޯލް މިލްކް، ބަކްވީޓް، ޒުވާރީއަކީ އޭބީ ލޭ ހުންނަ މީހުންނަށް އެހާ ރަނގަޅު ބާވަތްތަކެއް ނޫނެވެ.
ބްލަޑް ގްރޫޕް: އޯ
އެއްގަމު މަސް، ކަނޑުމަސް، ބިސް، އަދި ތަރުކާރީގެ ބާވަތްތަކަކީ އޯ ގްރޫޕްގެ ލޭ ހުންނަ ފަރާތްތަކުން ކެއުމުގައި ގިނައިން ހިމަނަން ޖެހޭ ބާވަތްތަކެވެ. އެއާ ޚިލާފަށް މަޝްރޫމް، ޕީނަޓް ބަޓާ އަދި ވީޓް ސްޓާޗް އެކުލެވޭ އެއްޗެހި ކެއުން ރަނގަޅެއް ނޫނެވެ.