"ބިއުޓީ އެންޑް ދަ ބީސްޓް"އަކީ މިއަދާ ހަމައަށް ވެސް ކުޑަކުދިންގެ މެދުގައި މަގުބޫލު ކާޓޫނެކެވެ. އެ ކާޓޫނުގެ ލައިވް އެކްޝަން ފިލްމެއް ވެސް ނެރުނުއިރު އެ ފިލްމަށް ވެސް އެކަށީގެންވާ ތަރުހީބެއް ލިބުނެވެ.

މިފަހަރު މިއޮތީ މުޅިން ތަފާތު ވާހަކަ އެކެވެ. ޑިޒްނީގެ މަޝްހޫރު މި ވާހަކައަށް "ހަލާލް" ޓްވިސްޓެއް ގެނެސް އިސްލާމީ ސަގާފަތާ އެއްގޮތްވާ ގޮތަށް އުފެއްދުމެއް ހަދަން މިހާރު ވަނީ ފަށާފަ އެވެ.

އިނގިރޭސި ވިލާތުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޕެނީ އެޕީލްއިން އިސް ނަގައިގެން އުފައްދާ މި އުފެއްދުމުގައި ދެކުނު އޭޝިއާގެ ސަގާފަތް ދައްކުވައިދޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އިސްލާމީ ސަގާފަތާ ފުށުނާރާ ގޮތަށް ވާހަކައަށް ބަދަލު ގެނެސްގެން އެ އެނިމޭޝަން ގެނެސްދޭނީ "ބިއުޓީ އެންޑް ދަ ބަލާހް"ގެ ނަމުގައި ކަމަށް ހަބަރުތައް ބުނެ އެވެ.

ޕެނީ އެޕީލްއިން އިތުރަށް ބުނީ މިއީ ހަމައެކަނި ކާޓޫނަކަށް ނުވާނެ ކަމަށާއި މިއީ ސަގާފަތްތަކުގެ ތަފާތުކަން ދުރުކޮށް އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުސްލިމުންނަށް ދެވޭ ހަދިޔާއެއް ކަމަށެވެ.

މި އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ވަރަށް އަވަހަށް ފިލްމު އާއްމުންނާ ހަމައަށް އަންނާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.